އިސްލާމީ އިލްމުގެ ފޮތްތައް ތަރުޖަމާ ކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މި މަޝްރޫއާ ބެހޭ ތަފުސީލު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ތަރުޖަމާ ކުރާނީ އިސްލާމީ ޝަރީއާ، އިސްލާމިކް ސްޓަޑީސް، އަދި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ދީނީ އެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ އިސްލާމީ އިލްމުގެ ވަރަށް މުހިންމު ރިފަރެންސް ފޮތްތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ މިހާތަނަށް އިއުލާންކުރެވޭ މި ފަދަ އެންމެ ބޮޑު މަޝްރޫއުކަމަށާއި، މި މަޝްރޫއަށް ވަކި ވަކި ފަރުދުންނަށާއި، ޓީމުތަކަށާއި، ކޮލެޖްތަކަށާއި، ދިރާސާކުރާ މަރުކަޒުތަކަށް ބައިވެރިވެވިދާނެކަމަށެވެ.
މި މަސައްކަތަށް ބީލަން އުސޫލުން ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބީލަމަށް ރަޖިސްޓްރީ ކުރެވޭނެއެވެ. މިނިސްޓްރީން ބުނީ މި މުއްދަތުގައި ނަން ނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށަނޭޅޭނެކަމަށެވެ. މިނިސްޓްރީގެ އިއުލާނުގައި ވާ ގޮތުންނަމަ ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެ 11:00ގައި އިސްލާމިކް މިނިސްޓްރީ ގައެވެ.



