އ.ދގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު)ގެ ދަށުން ރާއްޖޭގައި ހައްގުތައް ދެވޭނީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބު މިފަދައިން ވިދާޅުވީ އައިސީސީޕީއާރުގެ ދަށުން، 2022 ގައި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓު އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން މުރާޖައާ ކުރުމަށް ބޭއްވި ސެޝަން ފަށްޓަވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގަ އެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަން ފާހަނގަކުރެއްވި އެވެ. އަދި އެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަޞްލެއްކަމަށް ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި، ދިވެހިރާއްޖޭގައި އައިސީސީޕީއާރުގެ ހައްގުތައް ލިބިދެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ފާހަގަކުރައްވާފައި ވެއެވެ.
އައިސީސީޕީއާރް ރިޕޯޓަކީ، އޭގެ ދަށުން ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން އެގޮތަށް ލިބިދިނުމަށްޓަކައި، ޖުލައި 2012 އިން މާރިޗު 2022 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނައި، އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެކެވެ. ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ރާއްޖޭގެ އައިސީސީޕީއާރުގެ ރިވިއު ސެޝަންތައް ކުރިޔަށް ގެންދިޔައީ 9 އަދި 10 ޖުލައި ގައެވެ.
މި ރިވިއު ސެޝަނަށްފަހު، ދިވެހި ސަރުކާރުގެ ރިޕޯޓާއި، ރިވިއު ސެޝަންގައި އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރެވުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް މިމަހުގެ 19 ވަނަ ދުވަހު ދިވެހި ސަރުކާރާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ރިވިއުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން ހިމެނޭގޮތުން، ދިވެހި ސަރުކާރުގެ ހައި-ލެވެލް ޑެލެގޭޝަނެއް ބައިވެރިވެވަޑައިގެންނެވި އެވެ. މި ޑެލެގޭޝަންގައި އިސްކޮށް ހުންނެވީ އެޓަރނީ ޖެނެރަލް އަހްމަދު އުޝާމެވެ.



