ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް އިން ބުނީ، ރޭ މި ހާދިސާ ހިނގީ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ. އަދި، އެ ހާދިސާގެ މައުލޫމާތު ރޭ 04:41 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް(އެފްއާރުއެސް)ގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށެވެ. އަދި އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ބެލްކަނީގައި ހުރި ކުނިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:57 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މި ހާދިސާގައި ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ ނުވާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.



