މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ، މާލެ ސަރަހައްދުގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ 03 ތަނެއް ރޭ ބަލައި ފާސްކުރި ކަމަށެވެ. އަދި މި ރެއިޑްގައި 4 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އޭގެތެރޭގައި ހިމެނެނީ 03 އަންހެނުންނާއި ފިރިހެނެކެވެ.މިއީ،ކޮންގައުމުތަކަކަށް ނިސްބަތްވާ ބައެއްކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަނުން ބުނީ، މިފަދަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި، މި ރެއިޑްތައް ހުއްޓުމެއްނެތި އަދިވެސް ކުރިއަށްދާނެ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އެކި ވިޔަފާރިތަކުގައި ޝާމިލުވާ މީހުން ހޯދުމަށް އިމިގްރޭޝަނުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މާލޭގެ މާރުކޭޓުތަކާއި، ކެފޭތަކާއި، ފިހާރަތަކާއި، ސްޕާތަކުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން އަންނަ މީހުން ހޯދުމަށް އޮޕަރޭޝަން ހިންގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ހުއްދަނެތް ވިޔަފާރި ހަރަކާތްތަކުގައި އުޅޭ މީހުންނާއި، ގަވާއިދާއި ޚިލާފަށް ވިޔަފާރި ކުރާ މީހުން ހިމެނެއެވެ. މީގެ އިތުރުން ޑޮލަރުގެ ވަގުވިޔަފާރި ކުރާ މީހުންނާއި، ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވަމުން އައި ބިދޭސީންތަކެއްވެސް ހިމެނެއެވެ.
މިފަދަ އޮޕަރޭޝަންތަކުގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު 100އަށްވުރެ މައްޗަށް އަރާފައިވާއިރު، މި އެންމެން ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.



