ކޮންރެޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑް ރިސޯޓުން ނުކުޅެދުންތެރިކަން ހުންނަ 2 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފި އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕް އަދި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރިޔަށްގެންދާ ޕްރޮގްރާމްގެ ދަށުން ހަމަޖެހުނު ފުރުސަތުތަކެއް ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން ވަނީ، ނުކުޅެދުންތެރިކަން ހުންނަ އެއް ފަރާތެއް އިންޓަރްޝިޕަށް އައްޔަކޮށްފަ އެވެ. އަދި އަނެއް ފަރާތް ވަޒީފާއަށް ނަގާފައިވަނީ ސީޒަނަލް މުވައްޒަފެއްގެގޮތުގަ އެވެ. މި ދެ މީހުންވެސް މިހާރުވަނީ މަސައްކަތްފަށާފަ އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މި އަހަރުގެ މާރިޗު މަހުގައި ވަނީ، ކޮންރެޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑް ރިސޯޓުގެ އިތުރުން ވަލްޑޯފް އެސްޓޯރިއާމޯލްޑިވްސް އިތާފުށި، އަދި ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެ ފަރާތްތަކަށް ބޭނުންވާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމުތަކާއި، ވަޒީފާގެ ފުރުޞަތުތަކާއި އިންޓަރންޝިޕް ޕްރޮގުރާމުތައް ހިންގުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް މިވަގުތު ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން މި އެއްބަސްވުމުގައި ހިމެނެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މައިދާނުގައި ބޭނުންވާ ތަޖުރިބާ ލިބި، ފަތުރުވެރިކަމުގެ ދާއިރާގައި އެފަރާތްތަކަށްލިބޭ ފުރުޞަތުތައް އިތުރުވެ، މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލްކުރެވިގެންދާ ސިނާއަތަކަށްވެގެންދާނެކަމަށް މިނިސްޓްރީން ލަފާކޮށްފައި ވެއެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިިލުވެގެންދިޔަ މުހިންމު ކުރިއެރުމެއްގެ ގޮތުގައި މިިނިސްޓްރީން ފާހަނގަކޮށްފައި ވެއެވެ.




