ކައުންސިލްތަކަށް އައިޑީ ކާޑުގެ ”ސްޓޭޓަސް“ ބެލޭނެ ޚާއްސަ ޕޯޓަލް އެއް ތައާރަފުުކުރުމުގެ މަސައްކަތް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން(ޑީއެންއާރް) އިން ފަށައިފި އެވެ.
ޑީއެންއާރްއާ ހަވާލުވެވަޑައިގެން ހުންނެވި، ދާޚިލީ ސަލާމަތާ، ފަންނާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާލީ ވިދާޅުވީ، އަތޮޅުތެރޭ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އައިޑީކާޑުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ކައުންސިލްތަކާއެކު ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުން މިމަމުގެ 18 ވަނަ ދުވަހު ޚާއްސަ ޕޯޓަލްއެއް ތައާރަފްކުރަން މިހާރު ނިންމާފައިވާކަމަށެވެ.
އާލީ ވިދާޅުވީ، މި ޕޯޓަލް އިފްތިތާހުކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި، އެގޮތުން މި ޕޯޓަލް ހުޅުވުމަށް މި މަސް ތެރޭގައި ޚާއްސަ ހަފުލާއަކާއެކު ކައުންސިލްތަކަށް ޓްރެނިން ސެޝަނެއް ކުރިޔަށް ގެންދާނެކަމަށް އާލީ ވިދާޅުވި އެވެ.
”އަޅުގަނޑުމެން ކޮންމެ ރަށަކުން ކައުންސިލަރަކާއެކު މި މަސް ތެރޭގައި އޮންނާނެ ޓްރެއިނިން ސެޝަނެއް. މިއީ އައިޑީ ކާޑް އެޕްލިކޭޝަނާއި ސްޓެޓަސް ބަލާނެ ގޮތާއި އެހެންވެސް މިފަދަ ކަންކަން ދަސްކޮށްދޭން ބާއްވާ ސެޝަނެއް.“ އާލީ ވިދާޅުވި އެވެ.
އާލީ ވިދާޅުވީ، މި ޕޯޓަލް މެދުވެރިކޮށް، ކައުންސިލްތަކަށް އައިޑީ ކާޑްގެ ސްޓަޓަސް ބެލުމާއި އެޕްލިކޭޝަންތައް ބަލައިގަތުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި، މި ޕޯޓަލްގެ ސަބަބުން ކައުންސިލްތަކާ ޑީއެންއާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.
މިހާރު ޑީއެންއާރުގެ ސިސްޓަމް އެތުރިފައިވާ ގޮތުން ހުރިހާ އައިޑީ ކާޑެއް ޕްރިންޓް ކުރަމުން އަންނަނީ މާލޭންވެ. އަތޮޅު ތެރޭ މީހަކު އައިޑީ ކާޑް ވެސް ޕްރިންޓް ކުރަނީ މާލޭގައި ހުންނަ އޮފީހުންނެވެ. މި ސެންޓްރަލައިޒް ސިސްޓަމްގެ ސަބަބުން އަތޮޅު ތެރޭ މީހުންނަށް އައިޑީ ކާޑް ލިބުނީ ވަރަށް ގިނަ ދުވަސް ފަހުންނެވެ.
”މިހާރު މި އޮންނަ އުސޫލަކީ ކޮންމެ ހަފްތާއަކު ދެ ފަހަރު މާލެއިން އަތޮޅު ތެރެއަށް މި ޑިސްޓްރިބިއުޓް ކުރަނީ. އެގޮތަށް ކަންތައް ކުރުމުން އެބަ ދިމާވޭ، ލަސްތަކެއް.“ އާލީ ވިދާޅުވި އެވެ.
އާލީ ވިދާޅުވީ، އަތޮޅު ކައުންސިލްތަކުން އައިޑީ ކާޑް ޕްރިންޓްކޮށް، ޑިސްޓްރިބިއުޓް ކުރެވޭނެ ނިޒާމެއް އެކުލަވާލުމަށް މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.



