ސީ ޕްލޭންގެ އޮޕަރޭޝަންތައް ރޭގަނޑުގެ ވަގުތުތަކުގައި ކުރިޔަށްގެންދަން ވިސްނަމުންދާކަމަށާއި، މިކަމަށް މަގުފަހިކުރުމުގެ ގޮތުން ކައިރި މުސްތަގުބަލެއްގައި ދިއްލާފައި ހުންނަ ވޯޓަރ ރަންވޭތަކެއް ގާއިމުކުރައްވާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ރާއްޖޭގައި ކުރިޔަށްދާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ ތެރެއިން ބޭއްވި ޕެނެލް އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ވައިގެ ދަތުރުފަތުރުގެ ދެމެހެއްޓެނިވި ތަރައްގީއާއި ފަތުރުވެރިކަމުގެ އިންސެންޓިވްތަކާމެދު މަޝްވަރާކުރުމަށް ބޭއްވި މި ޕެނެލްގައި ޝަރީފް ވިދާޅުވީ، ޖޯގްރަފީގޮތުން ރާއްޖޭގެ ރަށްތަކުގެ އެތުރިފައިވާ ގޮތުން، ކަނޑުމަތީގެ މަތިންދާބޯޓުގެ ޓެކްނޮލޮޖީ ތަޢާރަފުކުރުމަށް ރާއްޖެއަކީ އެންމެ އެކަށީގެންވާ ތަންކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ. ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މިއަހަރުގެ ވިންޓަރ ސުޕަރ ޕީކް ސީޒަން އަންނަންވާއިރަށް ސީޕްލޭން އޮޕަރޭޝަނަށް ބަދަލުތަކެއް ގެންނަން އަމާޒު ހިފާފައިވާކަމަށެވެ. އެގޮތުން، ސީ ޕްލޭންތަކަށް ރޭގަނޑު ދަތުރުކުރެވޭ ގޮތަށް ދިއްލާފައިވާ ފެނުގެ ރަންވޭތައް އެ ސީޒަން އަންނަން ވާއިރަށް ގާއިމުކުރަން ގަސްދުކުރައްވާކަމަށެވެ.
ސީ ޕްލޭންގެ ޚިދުމަތް މިހާރުދެނީ ފަތިހުން ފެށިގެން ހަވީރު 6 ޖެހުމާ އަމަޔަށެވެ. ޝަރީފް ވިދާޅުވީ، ލައިޓް ހަރުކުރެވިފައިވާ ރަންވޭތައް ގާއިމުކުރެވުމުން، އިރުއޮއްސުމަށްފަހުވެސް ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށެވެ.
މި ޓެކްނޯލޮޖީ ތައާރަފުކުރުމުން، ރާއްޖޭގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރެވޭ ގޮތަށް އަލިކުރެވިފައިވާ ފެނުގެ ރަންވޭތައް ތަޢާރަފުކުރުމުން، ރާއްޖޭގެ ރިސޯޓުތަކަށް ދަތުރުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.



