މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރްސީ)ގެ ޗެއަރމަންކަމުގެ މަގާމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް ޣިޔާސްޘް ރިޔާޒް ހަމަޖަައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް(ޕީސީބީ) ބުނީ، އެމްއެމްޕީއާރްސީގެ ޗެއަރމަން އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް މިއަދު އައްޔަންކުރެވިފައިވާކަމަށެވެ.
ޣިޔާސްއަކީ މަޓާޓޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. ޣިޔާޒު އެމްއެމްޕީއާރްސީގެ ޗެއަރމަންކަމަށް އައްޔަންކޮށްފައި މިވަނީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ނޫރައިން އަލީ ޖަނާހު މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެން މަގާމު ހުސްވެފައި އޮންނަތާ ދެމަސްވާން ގާތްވެފައި ވަނިކޮށްނެވެ.
ޕީސީބީންވަނީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނެވި ފާތުމަތު ތައުފީގު(ކުޑީ) މަގާމުން ވަކިކޮށް، އެމަގާމަށް އިބްރާހިމް ޝިއުރީ ދާދިފަހުން އައްޔަނުކޮށްފަ އެވެ. އަދި، މިމަހުގެ ކުރީ ކޮޅު އަބްދުލް ސަމީއު އިމާދާއި އައިޝަތު ހަމީދު ބޯޑު މެންބަރުކަމަށް އައްޔަނުކޮށްފަ އެވެ.
މި ހަފުތާގައި، އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނެވި، މުހައްމަދު ބައްސާމް އާދަމްގެ އިތުރުން، އެ ކުންފުނީގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފު، ޗީފް އޮފް ކޯޕަރޭޓް އެފެއާޒް އިބްރާހިމް އާސިމްވެސް ވަނީ ވަކިކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކުންފުނީގެ ބޯޑަށް ގެންނަ ބަދަލުތަކަކީވެސް މީގެ ތެރެއިން ފިޔަވަޅެކެވެ.
އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި އިޝްތިހާރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ކުންފުންޏެވެ.



