ލޭ ހަދިޔާ ކުރުމާއި ލެޔާއި ގުޅޭ ހުރިހައި ޚިދުމަތްތައް ލިބޭނެގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ އެޕްލިކޭޝަނެއް ކަމަށްވާ “ ލޭ އެޕް“ މިއަދު ތަޢާރަފްކޮށްފި އެވެ.
މި އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ މިކަމަށްޓަކައި މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލް އެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މިފަދަ އެޕްލިކޭޝަންގެ ސަބަބުން މިޒަމާނުގައި ލޭ ހަދިޔާ ކުރާ މީހުންނަށާއި ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑަށް ލުއިތަކެއް ލިބިގެންދާނެ ކަން ފާހަގަކުރެއްވި އެވެ. މިހާރު މީހުން ލޭ ހޯދަމުން ދަނީ ލޭ ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެކި ސޯޝަލް މީޑިއާގެ އަދި އެހެނިހެން މީޑިއަމްތަކުގެ ޒަރީޢާއިން ދައުރުކޮށްގެން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި އެޕް މެދުވެރިކޮށް އެއްތަނަކުން ލެއާއި ގުޅޭ ހުރިހާ މެސެޖްތައް ބުނެދެވި ބަލިމިހާ އާއި، ލޭ ހަދިޔާ ކުރާމީހާ އަދި ހޮސްޕިޓަލްތަކާއި ގުޅައިދެވޭނެ ކަމަށެވެ.
ޒަމާނީ ޓެކްނޮލޮޖީ ޞިއްޙީ ދާއިރާއަށް މުހިންމުކަން ފާހަގަކުރައްވާ، މި އެޕްލިކޭޝަން ޑައުންލޯޑްކޮށް ވީހާވެސް ގިނަބަޔަކު މި އެޕްލިކޭޝަންގައި ރަޖިސްޓްރީކޮށް ބޭނުން ހިފުމަށް މިނިސްޓަރ އެދިވަޑައިގެންނެވި އެވެ. އަދި މިފަދަ އެހެން ޑިޖިޓަލް އެޕްލިކޭޝަން ޞިއްހީ ދާއިރާއަށް ތަޢާރަފްކުރަން ބޭނުންވާ ކުންފުނި، ޖަމްޢިއްޔާ އަދި ޖަމާއަތްތަކާއި އަމިއްލަފަރާތްތަކަށް އެ ދޮރުހުޅިވިފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވަނީ، ލޭ ހަދިޔާ ކުރާ ފަރާތްތަކުން އަމިއްލަ އެދުމެއްނެތި ދެމުން އަންނަ މި ޚިދުމަތަށް ފާހަނގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ބްލަޑް ސަރވިސަސް އަށް ވޭތުވެދިޔަ 5 އަހަރުތެރޭގައި އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާވެސް ދީފައިވެއެވެ. މި ބޭފުޅުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަބުދުލް ރައްޒާޤް ހަލީމް އެވެ. މީގެ އިތުރުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް ރާވާ ހިނގި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާވެސް ޙަވާލުކުރި އެވެ. މި ބޭފުޅުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ މިނިސްޓަރ ޑރ. އަބުދުﷲ ޚަލީލް އެވެ.
މިއަދު ލޯންޗް ކުރެވުނު ލޭ އެޕް ގެ ސަބަބުން ޑޯނަރުން ރަޖިސްޓްރީ ކުރުމާއި، އެޕޮއިންޓްމަންޓް ޝެޑިއުލްކުރުމާއި ހަނދާންކޮށްދިނުމަށް ފަސޭހަވެ، ޑޯނަރުންގެ ބައިވެރިވުމާއި ރިޓެންޝަން އިތުރުވެގެންދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މިއަދު ”ލޭ އެޕް“ އިފްތިތާޙުކުރިނަމަވެސް ޚިދުމަތްތައް ދޭން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންނާއި، ލޭ އެޕް ޓީމްގެ އިސްބޭފުޅުންނާއި އެހީތެރިން ބައިވެރިވި އެވެ.
ރާއްޖޭގައި އަމިއްލައަށް އެދިގެން މިދިޔަ 2023 ވަނަ އަހަރު 507 މީހުން ލޭ ހަދިޔާކުރިއެވެ. މިއަހަރުގެ މީހާތަނަށް 247 މީހުން ވަނީ އަމިއްލައަށް ލޭ ހަދިޔާކޮށްފައި ވެއެވެ.



