އަވަށްޓެރި އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓްގައި ސިނކުޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިކުނޑިއަށް ޖެހޭ ބައްޔެއްކަމަށްވާ ”ބްރެއިން އީޓިން އެމީބާ އިންފެކްޝަން“ މިހާރު ކެރެލާގައި ފެތުރެމުންދާތީ ކެރަލާގެ ހެލްތު މިނިސްޓްރީން އެކަމަށް ސަމާލުވުމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކެރަލާއި ދިރިއުޅޭ ދިވެހިންނާއި އަދި އެކި އެކި ބޭނުންތަކަށް ކެރަލާއަށް ޒިޔާރަތްކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.
ކޮންސިއުލޭޓް ޖެނަރަލުން ބުނެފައިވަނީ، މިބައްޔަކީ، ކަންފަތާއި ނޭފަތުން ހަށިގަނޑުތެރެއަށްދާ ޖަރާސީމަކަށްވާތީ މި ދުވަސްވަރު ކޯރަށް ނޭރުމަށާއި، އަދި ސްވިމިންގ ޕޫލް ބޭނުންކުރާނަމަވެސް ކަންފަތާއި ނޭފަތަށް ފެން ނޭޅޭނެ ފަދަގޮތަކަށް އިޔަރ ބަޑް އަދި ނޭޒަލް ކްލިޕް ބޭނުންކުރުމަށް އިލްތިމާސްކޮށްފަ އެވެ.
”ބްރެއިން އީޓިން އެމީބާ އިންފެކްޝަން“ ގެ އަލާމާތްތަކުގެ ތެރޭގައި، ހުންއައިސް ބޮލުގައި ރިއްސުމާއި، ހޮޑުލެވުމާއި، ކަނދުރާގެ ނާރުއެރުމާއި، ވާނުވާ ނޭނގުމާއި ފިޓް ޖެހުން ފަދަ އަލާމާތްތައް ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ވީހާވެސް އަވަހަށް ޑރ. ދެއްކުމަށް ނުވަތަ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށްވެސް ކޮންސިއުލޭޓް ޖެނަރަލުން އިލްތިމާސްކޮށްފައި ވެއެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ އާއިލާތައް ތައުލީމީ އަދި ސިއްހީ އެކި ބޭނުންތަކަށް ކެރެލާގައި ދިރިއުޅެމުންދެއެެވެ. އަދި އެފަދަ އާއިލާތަކަށް ޒިޔާރަތްކުރުމަށާއި، ބޭސް ފަރުވާއަށާއި، ވިޔަފާރި ބޭނުމަށާއި ޒަރޫރީ އެހެނިހެން ބޭނުންތަކަށް ދިވެހިން ގިނަ އަދަދަކަށް ކެރަލާ ސިޓީއަށް ދަތުރުކުރަމުންދެއެވެ.ގިނަ ދިވެހިން ދިރިއުޅެނީ އަދި ދަތުރުކުރަމުންދަނީ ކެރެލާގެ ކޮޗިންސިޓީއަށާއި ތްރިވަނަންތަޕޫރަމް ސިޓީ އަށެވެ.



