ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން ކ މާގިރިފަޅުގައި ތަރައްގީކުރަމުން އަންނަ ފިއުލް ޓާމިނަލް ކޮމިޝަން ކުރެވުމާއެކު، ތެޔޮ ލީޓަރަކަށް ޖެހޭ އަގު ބޮޑުތަނުން އަގުހެޔޮވެގެންދާނެކަމަށް، އެކުންފުނީގެ މެނޭޖިނގް ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި، އެސްޓިއޯގެ ތަރައްގީގެ ޕްލޭން ހިއްސާކުރައްވަމުން ޝިމާދު ވިދާޅުވީ، ސަރުކާރުގެ ނިންމުމާއި ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީން ތިލަފުށި ކުރިމަތީގައި އޮންނަ މާގިރިފަޅު ހިއްކައި އެތަނުގައި ޒަމާނީ ފެންވަރުގެ ފިއުލް ޓާމިނަލެއް ގާއިމުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަކަމަށެވެ. އަދި މިޓާމިނަލް ވެގެންދާނީ މިހާރު ފުނަދޫގައި ހުރި ޓާމިނަލްއަށް ވުރެ ސްޓޯރޭޖް ބޮޑު އަދި އެއަށްވުރެ މާ އެފީޝީއެންޓް ތަނެއް ކަމަށާއި، އެތަން ކޮމިޝަން ކުރެވުމުން ތެލު އަގަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ.
”މި ޓާމިނަލް ކޮމިޝަން ކުރެވުމުން ރާއްޖޭގައި ހަކަތަ ސްޓޯރޭޖް ކުރެވޭ މިންވަރު އިތުރުވެ، ޕަރ ޔުނިޓް ކޮސްޓް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ“ ޝިމާދު ވިދާޅުވި އެވެ.
ޝިމާދު އިތުރަށް ވިދާޅުވީ، މިދިޔަ މާޗުމަހު އުތުރުގައި އިފްތިތާހުކުރި އިންޓަނޭޝަނަލް ފިއުލް ބަންކަރިންގ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށާއި، އަންނަ އޯގަސްޓްމަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށެވެ.
ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމިކަން އިއުލާނުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި، އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފަށަން ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ވިތޯލް އާއި އެސްޓީއޯއާ ދެމެދު ސޮއި ކޮށްފައިވަނީ މިއަހަރުގެ މާރޗްމަހުގެ 13 ވަނަ ދުވަހު އެވެ.



