ދިފާއީ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރެވެން ހުރި އެކި ކަންކަމާއި މެދު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން މިއަދު ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
ސިޓީ ކައުންސިލުން ބުނީ، މިބައްދަލުވުމުގައި ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންތައްތަކެއްގެ މަޝްވަރާތަކާއި ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ. އެގޮތުން ދިފާއީ ވުޒާރާގެ ބެލުމުގެ ދަށުން ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި ގުޅުންހުރި އެކި ކަންކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް މިހާރަށްވުރެން ރަނގަޅަށް ކުރެވިދާނެ ގިނަ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. ހަމަ އެހެންމެ، ދިފާއީ ވުޒާރާއާއި އެ ކައުންސިލް ގުޅިގެން ކުރެވެން ހުރި އެކި ކަންކަމާއި މެދު މަޝްވަރާކުރެއްވި ކަމަށެވެ.
މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް ސިޓީ މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދާއި، ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިންގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި، ފުވައްމުލައް ސިޓީ މޭޔަރާއި ކައުންސިލަރުންގެ އިތުރުން އެ އިދާރާގެ ބައެއް އިސްވެރިންވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.




