ފެނަކައިން ނުއަގުގައި ދޯންޏެއް ހިފިކަމެއް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގުވާހަކަތެކަމަށް އެކުންފުނިން ބުނެފި އެވެ.
ފެނަކައިން މިހެން ބުނެފައި މިވަނީ އެކުންފުނިން ނުއަގުގައި ދޯންޏެއް ހިފިކަމަށް ބުނެ ބައެއް ފަރާތްތަކުން އެކުންފުނީގެ އަގުވެއްޓޭގޮތަށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގަޔާއި ބައެއް ނޫސް ވެބްސައިޓްތަކުގައި މިފަދަ ވާހަކަތައް ޝާއިއުކުރަމުންދާތީ އެކަމުގެ ހަގީގަތް ރައްޔިތުންނަށް ބަޔާންކޮށް ދިނުމުގެ ގޮތުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި އެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ކުންފުނިން އެކި ތާރީޚުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކުޔުންތަކެއްގެ ބައެއް ނަކަލުކޮށްގެން އެއީ އެއްކަމަކަށް ކޮށްފައިވާ އެއް މުއާމަލާތްތަކެއްކަމަށް ދައްކަން މަސައްކަތްކޮށް ފާއިތުވި ހަތް މަސްދުވަހުގެތެރޭގައި ހަގީގަތް އޮޅުވާލައި ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ނަން ކިލަނބުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އެ ކުރަމުންދާ ނާ ތަހުޒީބު މަސައްކަތްތަކަކަކީ ނިހާޔަތަށް ޣައިރު ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ މުޖުތަމައު ފަސާދަކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމަށް ފެނަކައިން ބުނެފައި ވެއެވެ. މިއީ، އެ ކުންފުނީގެ އަދުގެ މެނޭޖްމެންޓުން ކުންފުނީގެ މުއަމަލާތްތައް ހަރުދާނާކޮށް ކުންފުންޏަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ކުންފުނިން ޚިދުމަތް ފޯރުކށްދެމުންދާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދަމުންދާ ދިއުމަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައިވެސް ސިފަކޮށްފައި ވެއެވެ.
ފެނަކައިގެ ބަޔާނުގައި، އެ ރައްޖޭގެ 157 ރަށުގައި ފެނާއި ނަރުދަމާގެ އަދި ކަރަންޓުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުންޏަކަށްވެފައި ޚިދުމަތްތަކަށް ބޭނުންވާ އެންމެ އަސާސީ ތަކެތިވެސް ރަށްރަށުން ލިބެން ނުހުންނައިރުވެސް ރަށްރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރާއެކު އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ފޮނުވަންޖެހޭ ގިނަ އަދަދެއްގެ ތަކެތި މާލެއިން އެ ރަށްރަށަށް އަދި އެއް ރަށުން އަނެއް ރަށަށް ފޮނުވުމަކީ ކުންފުނީގެ ދުވަހުން ދުވަހަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން ބައެއްކަމަށް ބުނެފައި ވެއެވެ. އަދި، ފާއިތުވި ތަނުގައި ވަކި ދަތުރުތަކށް ދޯނިފަހަރު ނަގާފައި އޮތްއޮތުން ނިމުމަކަށް ގެނެސް ކުންފުންޏަަށް އެންމެ ފައިދާހުރި ގޮތުގައި އެއްކުރެވެން ހުންނަ ދަތުރުރައް އެއްކޮށް ގިނަ ދަތުރުތައްކުރަން ޖެހުނަސް ޚަރަދުބޮޑުވެގެން ނުދާނެކަން ކަށަވަރުކުރެވެނިވި ގޮތަކަށް ކުންފުނީގެ ތާރީޚުގައި އެންމެ ކުޑަ އަގުގައި ކުންފުނީގައި ކަނަޑައޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެތެރެއިން ކުންފުނީގެ އަދުގެ މެނޭޖްމެންޓުން އެކނަް ހަރުދަނާކޮށް އިންތިޒާމުކުރަމުންދާ ދިއުމުން ކުރިން އެކަންކަމުން ނާޖާއިޒު ފައިދާ ހޯދި އަދި ހޯދައިދިން ފަރާތްތަކަށް ދަތި އިހުސާސްތަކަކަށް ވުމަކީ މިފަދަ ފިތުނަފަސާދަ އުފެއްދުމުގެ މައިގަނޑު އެއްސަބަބުކަމުގައި ދެކޭކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައިން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު ކަނޑައަޅުއްވާފައިވާ ދެފުށްފެންނަ ހަރުދަނާ އިންތިޒާމުތަކުގެ ތެރެއިން ރައްޔިތުންނަށް ގާތުން އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެކުންފުނިން ސާބިތުކަމާއެކު ކުރިޔަށް ދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށްއަރުވާކަމަށެވެ. އަދި، މި މައްސަކަތުގެ ސަބަބުން އެކި ފަރާތްތަކަށް ނާޖާއިޒުގޮތުގައި ލިބެމުންދިޔަ އެތަކެއް ފައިދާތަކެއް ނިމުމަކަށް އައިސް ކުރިޔަށް އޮތް ތަނުގައި ވެސް ކުންފުންޏާއި، ކުންފުނީގެ ވެރިންގެ ނަން ކިލަނބު ކުރުމުގެ ގިނަ މަސައްކަތްތަކެއް އެފަރާތްތަކުން ކުރަމުންދާތީ އެފަދަ ފިތުނަ ފަސާދައަށް ސަމާލުވުމަށް ރައްޔިތުންގެ ކިބައިން އެދިފައި ވެއެވެ.



