އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދިން ހަމަލާއަކީ، އެމަނިކުފާނު އަވަހާރަކޮށްލަން އަމާޒުކޮށް ދިން ހަމަލާއެއްކަމަށް އެގައުމުގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(އެފްބީއައި) އިން ބުނެފި އެވެ.
ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އޮންނަ އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވާ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނާލްޑް ޓްރަމްޕަށް ހަމަލާ ދީފައި ވަނީ ޕެންސިލްވޭނިއާގައި ކުރިޔަށްގެންދެވި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށްނެވެ.
އެމެރިކާގެ އެފްބީއައިގެ ސެޕްޝަލް އޭޖެންްޓް ކެވިން ރޮޖެކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ހަމަލާއަކީ ޑޮނާލްޑް އަވަހާރަކޮށްލަން ދިން ހަމަލާއެއްކަމަށެވެ.
ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ހަމަލާދީފައިވާއިރު، އެހަމަލާ އަރާފައިވަނީ އެމަނިކުފާނުގެ ކަނާތު ކަންފަތަށެވެ. ހަމަލާއިން ޓްރަމްޕް ސަލާމަތްވެވަޑައިގެންނަމަވެސް ކަންފަތަށް ޒަޚަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އެހެންނަމަވެސް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅެވެ.
ޓްރަމްޕް އަވަހާރަކޮށްލަން ދިން މިހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ޓްރަމްޕަށް ގުޅުއްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި، ބައިޑެންގެ ވާހަކަފުޅުަގައި އެމެރިކާގައި މިފަދަ އަނިޔާވެރިކަމަށް ޖާގަ ނުދެއްވާނެކަމަށާއި، ގައުމެއްގެ ގޮތުގައި އެންމެން އެއްބައިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ހަމަލާ ކުށްވެރިކުރެއްވި އެވެ.
ސީކްރެޓް ސަރވިސުން ޓްރަމްޕަށް ޙަމަލާ ދިނުމުގައި ބައިވެރިވެފައިވާ ކަމަށް ބެެލެވެނީ އެންމެ މީހެއް ކަމަށް ބުނި ނަމަވެސް އޭނާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. ސިކްރެޓް ސާރވިސް އިން ބުނީ، ޓްރަމްޕަަށް ހަމަލާދިން މީހާ މަރާލާފައިވާކަމަށެވެ.
ޓްރަމްޕަށް ދިން މި ބަޑީގެ ހަމަލާތަކުގައި ކެމްޕޭންގެ އެއް ބައިވެރިއަކު މަރުވެ، އިތުރު ދެ މީހަކު ޒަޚަމްވެފައިވެއެވެ. މިހާރު މި ހަމަލާގެ ތަހުގީގު ފަށާފައިވާއިރު، ހަމަލާތަކުގެ ފަހަތުގައި އޮތް ސަބަބު ދެނެގަނެވިފައެއް ނުވެއެވެ. އަދި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.



