ހުޅުމާލޭގައި އިމިގްރޭޝަނުން ރޭ ކުރިޔަށްގެންދިޔަ އޮަޕަރޭޝަނުގެ ތެރެއިން، ގަވާއިދާ ޚިލާފަށް ބިދޭސީންތަކެއް ހިންގަމުންދިޔަ ކެފޭ އެއް ރެއިޑްކޮށް، އެތަން ހިންގަމުން އަންނަ ބިދޭސީން ހައްޔަރުކޮށް އެތަން ބަންދުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ، މި މީހުން ހައްޔަރުކޮށް އެތަން ބަންދުކޮށްފައިވަނީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ. ރޭ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 4 ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކުރި އެވެ. ބަންދުކުރި ތަނުގައި ތިބީ ތިން މީހުންނެވެ. އެ ތިން މީހުން ހައްޔަރުކޮށްފައިވާއިރު، އެހެން ކެފޭ ތަކަކުން 3 މީހުންނާއި އިމިގްރޭޝަން ވެހިކަލަކަށް ގެއްލުންދިޔަ އެކަކު ހައްޔަރުކޮށްފައި ވެއެވެ.
”ރޭ އޮޕަރޭޝަނުގައި ބިދޭސީ 6 ފިރިހެނަކާއި 1 އަންހެނެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި. މީގެތެރެއިން 3 ބިދޭސީން ހިންގަމުންދިއަ ކެފޭއެއް ވަނީ ބަންދުކުރެވިފައި. އަދި އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީއެއް ވެސް މީގެތެރޭގައި ހިމެނޭ. މިފަރާތްތަކާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެ.“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަނާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުހަމައްދު ޝަމްއާން ވަހީދު ވިދާޅުވެފައިވަނީ، ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ މަސައްކަތަށް ހުރަސް އަޅާ އަދި ވެހިކަލަށް ބިދޭސީ އަކު ގެއްލުން ދީފައި ވާކަމަށެވެ. އަދި އޭނާ މިވަގުތު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައިކަމަށެވެ.
ޝައްމާން ވިދާޅުވީ، އިމިގްރޭޝަން ވެހިކަލަށް ގެއްލުންދިން މީހާ ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ޤާނޫނުން ހަރުކަށި ފިޔަވަޅު އެޅުމަށްފަހު ޑީޕޯރޓް ކުރެވޭނެކަމަށެވެ. އަދި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ފަސް ޖެހުމެއް ނެތި އަދި ބިރަކަށް ސިހުމެއް ނެތި ކުރިއަށް ދާނެކަމުގެ ޔަގީންކަން ޝަމްއާން ވަނީ ދެއްވާފަ އެވެ.
އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ މީގެ ކުރިންވެސް އިލްތިމާސްކުރައްވާފަ އެވެ.
ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިޙްތިޔާރު އިމިގްރޭޝަން ކޮންޓްރޯލަރއަށް އޮވެއެވެ. އެގޮތުން އެ ފަރާތްތައް 50،000އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަައިނާ ކުރުމާއި، އެ މީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ލިބިގެންވެއެވެ.
ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ ޚާއްސަ އޮޕަރޭޝަނެއް ފެށީ ޖޫންމަހުގެ 30ވަނަ ދުވަ ހުއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 130އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ މަސައްކަތް ކުރަމުން އަންނައިރު 1800 އަށްވުރެ ގިނަ ބިދޭސީންވަނީ ގައުމަށް ފޮނުވައިލައިފައި ވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައިވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.



