އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށާފައިވާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތައްކަމަށް އެ ވުޒާރާއިން ބުނެފި އެވެ.
އެވުޒާރާއިން ބުނީ، ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ގޭގެއަށް ކުރި ޒިޔާރަތްތަކުން، އެންމެ ގިނައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުންކަމަށެވެ. އެގޮތުން، ޑޮކްޓަރަށް ދެއްކުމާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމާއި، ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް ފާހަނގަކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މި ކަންކަމަށް އަވަސް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން އެ މިނިސްޓްރީން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް. އެޗް) އާ މިހާރު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަުގައި، ޑޮކްޓަރަށް ދެއްކުން އަވަސްކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާއި،އެ ފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.
”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މައްސަލަތަކަށް ހައްލު ހޯދާ، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެގޮތުން، ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް އަވަސް ޙައްލުތައް ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލާއި، އެންސްޕާއާއި އެކު ވެސް ގާތުން މަސައްކަތް ކުރަމުން އަންނަކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
”ހާލު ކިހިނެއް؟“ ޕްރޮގްރާމަކީ ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.




