އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުއާމަލާތްކުރަން ދަސްކޮށްދޭން ކޯހެއް ހިންގުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.
އެ ވުޒާރާއިން ބުނީ، އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޝާރާތްފަހުން މުއާމަލާތްކުރަން ދަސްކޮށްދޭ ކޯސް ނުވަތަ ބޭސިކް ސައިން ލޭންގުއޭޖް ކޯހަކީ، ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ ކޯހެއްކަމަށެވެ. އެގޮތުން ކޯހުގެ ފުރަތަމަ މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭން ތިބޭ މުވައްޒަފުންނަށް ކޯސް ކުރިއަށް ގެންދިއުމަށް އިސްކަން ދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
އަންނަމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި މި ކޯސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކޯހުގެ އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު އެފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއްކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކި ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި ދީނީ ތަޢުލީމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ އެކި ހަރަކާތްތައް ކުރިޔަށްގެންދަން ރާވަމުން އަންނަކަމަށްވެސް ވުޒާރާއިން ބުނެފައި ވެއެވެ.
އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުއާމަލާތްކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ބޭސް ފަރުވާ ހޯދުމަށާއި، އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޚިދުމަތް ހޯދުމުގައި ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފަ އެވެ. އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުމުން ބައެއް ހާލަތްތަކުގައި މަދުން ނަމަވެސް ކުށަށްވެސް އަރައިގަނެވޭކަން ފާހަނގަކުރެވިފައި ވެއެވެ.




