ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެއްގަމު އުޅަނދު ހަދިޔާކޮށްފި އެވެ.
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު ހަދިޔާކޮށްފައިވަނީ 54 ކާރާއި ހަތަރު ވޭންއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވަޑައިގެންނެވީ، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޢަލީ ޝުޖާއު ވިދާޅުވީ މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަންޖެހިފައިވާ ކަަމަށެވެ. އަދިި އެކަންކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްގެންކަމަށާއި ޖަޕާނު ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކާއެކު ފުލުހުންގެ މި މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުުރުން، ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާން ސަފީރު ވިދާޅުވީ، މީ ޖަޕާނު ސަރުކާރުން ރާއްޖޭގެ ލޯ އެންފޯސްމެންޓަށް ސަޕޯޓުދޭން ބޭނުންވާކަމުގެ ހެއްކެއްކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ފަސޭހަވެގެންދާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. އަދި، ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް މީގެ ސަބަބުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެހެނިހެން ވަސީލަތްތައް ވެސް ޖަޕާނު ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން މެޓަލް ޑިޓެކްޓަރ، ލޭސަރަރ، ޕެސެންޖަރ ކްރާފްޓު އަދި ރަބަރ ބޯޓު ފަދަ ތަކެތި ހަދިޔާކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
މީގެ ކުރިންވެސް ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފަ އެވެ. އެތަކެތީގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެއެވެ.



