ދައުަލަތުގެ މުދަލަށް އެއްވެސް މީހަކު ގައްދާރުވެފައިވާނަމަ އެ މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ކުރީ ސަރުކާރުން ކޮށްފައިވާ ޚިޔާނާތްތަކުގެ މައްސަލައިގައި ތަހްގީގު ކުރިޔަށް ނުގެންދާކަމަށާއި، އަދި އެފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ރާއްޖެއިން ބޭރަށް ފުރައިގެންދާކަމަށް ބުނެ، އެ ފަދަ މައްސަލަތަކާއި ގުޅުވައިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ފުލުހުން އެ މައްސަލަތައް ތަހުގީގު ނުކުރާކަމަށް ބުނަމުންދާ ވާހަކަތަކަކީ ރަނގަޅުވާހަކައެއް ނޫންކަމަށާއި، މިހާރުވެސް އެފަދަ މައްސަަލަތަކެއްގެ ތަހުގީގުތައް ކުރިޔަށްދާކަމަށެވެ. އަދި، ދައުލަތުގެ އެސްޓްސްތަކަށް އެއްވެސް މީހަކު ގައްދާރުވެފައި ވާނަމަ އެ މައްސަލަ ބަލާނެކަމަށް އިހުސާން ވިދާޅުވި އެވެ.
”ކުރީ ސަރުކާރެއް އެހެން ސަރުކާރެއް ކިޔާނެކަމެއް ނެތް. އަޅުގަނޑުމެން ވަކި ބަޔަކަށް ޓާގެޓްކޮށްގެން އެއްވެސް މަސައްކަތެއް ނުކުރާނެ. އެހެންނަމަވެސް، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަަލަށް އެއްވެސް ބަޔަކު ޚިޔާނާތްތެރިވެފައިވާކަމަށް ވެއްޖިއްޔާ އެ މައްސަލަ ބަލާނަން.“ އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، ގެއްލިފައިވާ ދައުލަތުގެ މުދާތައް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމަށްވާއިރު، ފުލުހުންގެ ޓާގެޓަކީވެސް އެކަން އެގޮތަށް ތަންފީޒުކުރުންކަމަށެވެ. އެގޮތުން މިހާރުވެސް ދެ ކުންފުންޏެއްގެ ތަހުގީގި ކުރިޔަށްދާކަމަށް ވިދާޅުވި އެވެ. އަދި އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީއާ) ގުޅިގެން ކުރިޔަށް އޮތް ތާނގައިވެސް މަސައްކަތް ތައް ކުރާނެކަމަށާއި، ފުލުހުންގެ ފަރާތުން އެ ތަހުގީގުތަކުގައި އޭސީސީއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އިހުސާން ދެއްވި އެވެ.
އިހުސާން ވިދާޅުވީ އަދުގެ ސަރުކާރަކީ އެންމެ ޓްރާންސްޕޭރެންޓް ސަރުކާރު ކަމަށާއި މިފަދަ ޚިޔާނާތްތަކުގެ މައުލޫމާތުތައް ހިފެެހެއްޓުމެއްނެތި ހާމަކުރަމުންދާނެކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ހޯމް މިނިސްޓްރީން އެއްވެސް ކަމެއް ނުފޮރުވައި މައުލޫމާތު ނޫސްވެރިންނާއި ވެސް ހިއްސާކުރަމުން ގެންދާނެކަމަށް ވިދާޅުވި އެވެ.
”ޚިޔާނާތެއް އިރާދަކުރެއްވިއްޔާ އަޅުަގަނޑުމެން ނުހިންގާނެ. ދައުލަތުގެ ފައިސާއަށް ވަރަށް ބޮޑަށް ބަލާނަން. އަދި އެހެން މީހަކަށްވެސް އެފުރުސަތު(ޚިޔާނާތްތެރިވުމުގެ) ނުދެވޭތޯ އަޅުގަނޑުމެންގެ ލޯ އެންފޯސްމެންޓް އޭޖެންސީތަކުން ބަލާނެ. މިއަދު އެ ޔަގީންކަން މީޑިއާ އަށާއި ދިވެހި ރައްޔިތުންނަށް އަރުވަން.“ އިހުސާން ވިދާޅުވި އެވެ.
އިހުސާން މިހެން ވިދާޅުވެފައިވާ އިރު ދައުަލަތުގެ ބައެއް ކުންފުނީގެ ޚިޔާނާތުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އަދި ކުރީ ސަރުކާރުން ބައެއް ކުންފުނިތައް ދަރަނިވެރިކުރުމުގެ ސަބަބުން، ބަނގްރޫޓްވާ ހިސާބުގައި އޮތްކަމަށްވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.



