މިހާރު ސޮއިކޮށްފައި ހުރި ތަރައްގީގެ މަޝްރޫތައް ކުރިޔަށް ގެންދެވޭވަރަކަށް ފައިސާއެއް ނެތްކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަރ ސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް މެންބަރުންނަށް މިނިސްޓަރާއި ސުވާލުކުރުމަށް ދިން ފުރުސަތުގައި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރުމާއި އަދި ސޮއިކޮށްފައިވާ މަޝްރޫއުތައް ނުފަށާތީ އެކަމާބެހޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ފާހަނގަކުރެއްވި ގޮތުގައި، ގިނަ މަޝްރޫއުތައް ޖުމްލަގޮތެއްގައި ހުއްޓިފައި ހުރީ ކުންފުނިތަކަށް ނުކަތާ ވަރަށް މަޝްރޫއުތައް ސަރުކާރުން ކުންފުނިތަށް ކަމަށްވާ އެމްޓީސީސީއާއި ފެނަކައާއި ހަވާލުކޮށްފައި ހުރުމާއި، ކޮންޓްރެކްޓްތަކަށް މަސައްކަތްތަކުގެ އަގު ދީފައި ނެތުމެވެ. އަދި، ބައެއް މަޝްރޫއުތަކަށް ފައިނޭންސް ހަމަނުޖެހިގެން ކުރިޔަށް ނުގެންދެވި އަދި ނުފެށިފައިވާކަންވެސް ފާހަނގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ހިސާބުތައް ހަދާލިއިރު، މިއަހަރުގެ ބަޖެޓުގައި މިނިސްޓްރީގެ ދަށުގައި ހުރި ޕްރޮޖެކްޓަތައް ކުރިޔަށް ގެންދާނަމަ މިނިސްޓްރީއަށް 9 ބިލިއަން ރުފިޔާ ބޭނުންވާކަމަށެވެ. އަދި، ސޮއިކޮށްފައި ހުރި މަޝްރޫއުތައް ކުރިޔަށް ގެންދަން 7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާކަމަށެވެ. އެހެންނަމަވެސް ބަޖެޓުގައި ލިބިފައި ހުރީ ގާތްގަނޑަކަށް 5 ބިލިއަނާ ގާތްކުރާ އަދަދެއްކަމަށްވާތީ މިހާރު ސޮއިކޮށްފައި ހުރި މަޝްރޫއުތައްވެސް ކުރިޔަށް ގެންދެވޭވަރަކަށް ފައިސާއެއް ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބަޖެޓުގައި 49 ބިލިއަން ރުފިޔާ ފާސްކޮށްފައިވިނަމަވެސް އޭގެ ވަރަށް ބޮޑު ބަޔަކީ ދަރަނި ނަގަިއގެން ހަމަޖައްސަން ހުރި އަދަދެއްކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން އެފައިސާ ”ރެއިޒްކުރެވުނީމައި“ ނޫނީ ޚަރަދެއް ނުކުރެވޭނެކަމަށެވެ.
”ބަޖެޓުގައި ކޮންމެ އަދަދެއްވެސް ޖެހިދާނެ. ޖެއްސިކަމުގައި ވިޔަސް އެފައިސާ ހޯދުނީމަ ވާނީ. ދައުލަތުގެ އާމްދަނީއަށްވުރެ މާ ބޮޑު އަދަދެއް ބަޖެޓުގައި ފާސްކޮށްފައި އިނީ. އެހެންވީމައި އެފައިސާ ހަމަޖެނުހާ އަވަހަކަށް ޕްރޮޖެކްޓުތައް ގެންދަން އަޅުގަނޑުމެން ރެޑީގައ މި ތިބީ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ ތާށީކަން ހުރި ނަމަވެސް ބެޖްޓުގައި ހުރި މަޝްރޫތައް ސަރުކާރުގެ އާމްދަނީއާ ޚަރަދަށް ބަލާފައި ޕްރިއޮޓައިޒްކުރަމުން އަންނަކަމަށެވެ. އަދި، މިއަހަރުތެރޭ ކުރެވެންހުރި ކަންތައް ބަލައިގެން، ތަރުތީބުކޮށް ކުރިޔަށްގެންދާނެކަމަށެވެ، އެހެންނަމަވެސް މިވަގުތު ކުރިޔަށް ގެންދެވޭނީ ކޮން މަޝްރޫއެއް ދަންނަވަން ދަތިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މެއިންޓެނަންސް އާއި ފަޅުފުންކުރުން ކަހަލަ މަސައްކަތްތައް ޕަބްލިކް ވަރކް ސަރވިސްގެ ތެރެއިން މީގެ ކުރިން ކުރަމުން އައިސްފައިވާކަމަށެވެ. އެގޮތުން 2018 ގެކުރިން އެކަމަށް ބޭނުންވާ ހުރިހައި މެޝިނަރީޒްއެއް ހުރިކަމުގައިވީ ނަމަވެސް އެ މިހާރު ނެތްކަމަށެވެ.
”އަޅުގަނޑުމެން ގެންގުޅުނު ބޭބީ ޑްރެޖަރ އެބައޮތް މިހާރުވެސް ތިލަފުށީގައި ދަބަރު ޖަހާ ބާ ދަނގަޑަށް ވެފައި. ލޭންޑިންގް ކްރާފްޓްތަކާ އެއްޗެހި ވިއްކާލާފަ ހުރީ. އެކްސްކަވޭޓަރުތަކާ އެއްޗެހި ރަށްރަށުގައި ހުރީ ހަލާކުވެފައި. މިދިޔަ ފަސްއަހަރުތެރޭގައި ހަގީގަތުގައި ޕަބްލިކް ވަރކް ސަރވިސް އެއްކޮށް ހަލާކުކޮށްލާފަ ހުރީ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތަށް ބޭނުންވާ އާލާތްތައް ނެތުމުން މިހާރު މެއިންޓެނަންސް މަސައްކަތެއް ކުރާ ކަމަށްވާނަމަ ދައުލަތުން އެ މަސައްކަތް ކުރަން ޖެހެނީ ވަކި ޕްރޮޖެކްޓެއް ހަދައިގެން ބަޔަކާއި ހަވާލުކޮށްގެންކަމަށެވެ. އެހެންކަމުން ޕަބްލިކް ވަރކް ސަރވިސް އަލުން އިޔާދަކޮށް އެ ރަނގަޅުތަނަކަށް ބަދަލުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ފެނާއި ނަރުދަމާގެ ޚިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދޭން ޖެހޭ ތާރީޚެއް ގާނޫން ބަޔާންކޮށްފައިވީނަމަވެސް، މިހާރު މިދާގޮތުން އެ ތާޜީޚަށް އެޚިދުމަތްތައް ހުރިހައި ރަށެއްގައި ގާއިމުނުކުރެވޭނެކަމަށެވެ. ބައައް ރަށްރަށުގެ މަޝްރޫއުތައް %0 ގައިވެސް ހުރުމާއެކު، އެ ޚިދުމަތްތައް ގާއިމުކުރަން 2 އަހަރު ނަގާނެކަމަށް ބެލެވޭކަމަށާއި، މިހާރު ވިސްނުން ހުރީ ގާނޫނަށް އިސްލާހު ހުށަހަަޅައިގެން އެ މުއްދަތު އިތުރުކުރުމަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، އަމާޒަކީ، މިހާރު ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭ ރަށްތަކުގައި، ދެއަހަރުތެރޭގައި އެ މަޝްރޫއުތައް ނިންމާފައި، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.




