ހިއުމަން ރައިސްޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ ނަންފުޅު ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.
ހަބީބު އެޗްއާރްސީއެމް މެންމަރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ ޖަލްސާގައި މިއަދު ވަނީ އިއްވާފަ އެވެ. އެސިޓީގައި ރައީސް ވިދާޅުވެފައިވަނީ، ހަބީބަކީ މެންބަރުކަމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އިޖާބަ ބޭފުޅުންގެ ތެރެއިން އެ މަގާމަށް އަޔަންކުރެއްވުމަށް އެމަނިކުފާނަށް ފެންނަ ބޭފުޅާކަމަށެވެ. އެސިޓީއާއެކު، ދެން ކުރިމަތިލެއްވި ބޭފުޅުންގެތެރެއިން ޝަރުތުހަމަވާ ބޭފުޅުންގެ ނަންފުޅުތައް އެއް އަކަރުދާސްކުރެވިފައިނީ ނަމަވެސް، އެނަންތަކެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ކުރިމަތި ލެއްވީ ކޮންބޭފުޅުންނެއްކަމެއް ސާފެއް ނުވެއެވެ.
މި ސިޓީ އިއްވުމަށްފަހު މިއަދު ވަނީ ހަބީބަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ކަނޑައަޅައިދިނުމަށް، މަޖިލީހުގެ ހިއުމަން ރައިޓްސް ޖެންޑަރ ކޮމިޓީއަށް ފޮނުވާފަ އެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އެމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މެންބަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ދިނެެވެ. ރައީސް އޮފީހުން މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ، އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ އިސްތިއުފާދެއްވުމާއި ގުޅިގެން އެމަގާމު ހުސްވެފައިވާތީ އެވެ.
އީސީ ހަބީބުގެ ނަމުން މަޝްހޫރުވެފައިވާ ހަބީބަކީ 21 އަހަރަށްވުރެ ދިގު މުއްދަތަކަށް އިސީއަށް މަސައްކަތް ކުރައްވައި، އެކޮމިޝަންގެ މެންބަރުކަމާއި އަދި ނައިބު ރައީސް ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.





1 Comment
މިނިވަން މުއައްސަސާއަކަށް އެންމެ ގާބިލް އެންމެ ނަޒާގަތްތެރި ބޭފުޅާ. ބެސްޓް ޗޮއިސް