އިސްލާމިކް މިނިސްޓްރީން ރާވައި ކުރިޔަށްގެންދާ ’ޒުވާން ޚަޠީބުން‘ ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވި ފަރާތްތަކުގެ އިމްތިހާން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީމް ބުނީ، ’ޒުވާން ޚަޠީބުން‘ ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރިވުމަށް އެދި 206 ފަރާތަކުން ފޯމު ހުށައަަޅާފައިވާއިރު، މިއަދު އެމީހުން އިމްތިހާނުކުރަން ފަށާފައިފައިވާކަމަށެވެ. މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރަށް އައްޑޫ ސިޓީއާއި މުލަކަތޮޅުގައި ބާއްވާ ގޮތަށް ނިންމާފައިވާއިރު، މިއަދު މިނިސްޓްރީންވަނީ މާލޭގައި ބަސްދީގަތުންތައް ފަށާފަ އެވެ. މި އިމްތިހާނުން ފާސްވާ ފަރާތްތަކަށް މި މަހު ތަމްރީން ބައްދަލުވުން ބާއްވަން ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
’ޒުވާން ޚަޠީބުން‘ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމުގެގޮތުން އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުމާއި، ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތައް ދެއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކުން ކުރިން ޚަޠީބުން ހޯދުމުގައި ދިމާވާ ދަތިތަކަށް މިހާރު ވަނީ ބޮޑު ލުޔެއް ލިބިފައެވެ.
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައި 100އަށް ވުރެ ގިނަ ކުދީން ވަނީ ސަނަދު ހާސިލްކޮށްފަ އެވެ.




