އައްޑޫ ބްރިޖް މަޝްރޫއަށް ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށާއި، ފައިސާ ހަމަޖެހޭ ހިސާބުން ބްރިޖްގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަރ ސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ބްރިޖްގެ މަސައްކަތް ހުއްޓާލާފައި އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުން އަންނާތީ އެކަމުގެ ހަގީގަތް ސާފުކުރުމަށާއި ބްރިޖްގެ މަސައްކަތުގެ އަދާހަމަކޮށްދެއްވުމަށް އެދި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރަށް ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އައްޑޫ ބްރިޖް މަޝްރޫއަކީ ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއުކަމަށްވާތީ، ސަރުކާރުން އޭރު އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅި ފަރާތަކާއި ވާހަކަ ދައްކައިގެން އެފަރާތަކީ ކެޕޭސިޓީ ހުރި ބަޔަކަށްވާތީ އޭރު ސޮއިކޮށްގެން މަސައްކަތްތަކެއް ފެށީ ކަމަށެވެ. އަދި އެ މަޝްރޫއަށް ފައިސާ ހަމަޖައްސައިދިނުމަކީ އެފަރާތުގެ ޒިންމާއެއްގެ ގޮތުގައި އޮތް އިރު އެފަރާތުން މަޝްރޫއަށް ފައިނޭންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެހަމަޖެހޭ ހިސާބުން ސަރުކާރުން ކޮންޓްރެކްޓަރާއެކު ސޮއިކޮށް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެކަމަށެވެ.
”އެމްއޯޔޫގައި އިންނަނީ އެބޭފުޅުން ފައިސާ އެރޭންްްޖްކޮށްދިނުން. ސަރުކާރުން ލޯނު ނަގާނީ އެ ބޭފުޅުން އެރޭންޖްކޮށްދިނުމުން. އެގޮތުން އެބޭފުޅުން އެރޭންޖްކުރި ބައެއް ފަރާތްތަކާއި އަޅުގަނޑުމެން ވާހަކަތައްވެސް އެބަކުރިޔަށް ގެންދަން. މި ދެންނެވި ފައިސާ ހަމަޖެހޭ ހިސާބުން އިރާދަކުރެއްވިއްޔާ ޕްރޮޖެކްޓް ކުރިޔަށް ގެންދެވޭނެ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެފަރާތުން ފައިނޭންސް ހަމަޖެއްސުމަށް ހުށަހެޅި ފަރާތްތަކާއި ސަރުކާރުން މިހާރު މަޝްވަރާކޮށް، އެއީ އެއް ބަސްވެވޭފަދަ ކަމެއްތޯ ބެލުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށެވެ.
”މިވަގުތު ފައިސާ ހަމަޖުހެނީސް ކޮންޓްރެކްޓެއްގެ ތެރެއަށް ވަންނާކަށެއް ނޫން. އެހެންނަމަވެސް މި ވަގުތު ކުރަމުންދަނީ އެފަރާތުން ހުށަހަޅާ ފަރާތްތަކާ ވާހަކަ ދައްކައިގެން ސަރުކާރަށް އެއްބަސްވެވޭ ކަހަލަ ފައިނޭންސިންގއެއް ހަމަޖެހޭތޯ. ހަމަޖެހިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެން ސޮއިކޮށްގެން ކުރިޔަށްގެންދާނަން.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފަރާތަށް ފައިނޭންސް ހަމަނުޖެއްސޭނަމަ، އެކަންކުރެވޭނެ ފަރާތަކާއެކު ކުރިޔަށްދާނެކަމަށެވެ. އަދި، މިވަގުތު ކުރިޔަށްދަނީ މިހާރު ސޮއިކޮށްފައި އޮތް ފަރާތުން، ހުށަހަޅާފައި ހުރި ފައިނޭންސިންގ ކަންތައްތައް އެއީ ސަރުކާރަށް ގަބޫލުކުރެވޭ ކަމެއްތޯ ނުވަތަ ނޫންތޯ ބަލައި އިވެލުއޭޓްކޮށް އެފަރާތާއި މަޝްވަރާކުރުމުގެ މަސައްކަތްކަމަށެވެ.
އައްޑޫ ހުޅުމީދުއާއި ހިތަދޫ ގުޅުވައިދޭ އައްޑޫ ބްރިޖަކީ، ގާތްގަނޑަށް 14 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިންނާއި ސާވޭގެ މަސައްކަތް ހަވާލު ކުރީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ”ދަ އަރަބް ކޮންޓްރެކްޓާސް“ އާ އެވެ. މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ އެއްގައި އކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 19 ގައެވެ.
އެ އެމްއޯޔޫގެ ދަށުން، ދަ އަރަބް ކޮންޓެރެކްޓާސް އިން ތިން މަސް ދުވަހުގެ ތެރޭގައި ބްރިޖްގެ ޑިޒައިނާއެކު އީއައިއޭ އާއި އެނަލައިސިސް އަދި ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ހެދުމަށް ހަމަޖެހިފައި ވެއެވެ. މިކަމަށް ދެމިލިއަން ޑޮލަރު ހޭދަވާނެކަމަށް ލަފާކޮށްފައިވާއިރު އެކުންފުނިން އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ހިލެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ސަރވޭގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ.




