ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް(ވީއައިއޭ)ގައި އިތުރު ދެ ޗެކް ޕޯސްޓް ގާއިމުކޮށްފި އެވެ.
ވީއައިއޭގެ ހުޅަނގާއި އިރުމަތީ ފަރާތުގައި ގާއިމުކުރި އާ ދެ ޗެކް ޕޯސްޓް ހުޅުއްވައިދެއްވީ ވީއައިއޭ އޮޕަރޭޓްކުރަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބުރާހިމް ޝަރީފް މުހައްމަދު އެވެ.
ޗެކް ޕޯސްޓްތައް ހުޅުވުމުގެ ރައްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ޝަރީފް ވިދާޅުވީ، މިއީ ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ޗެކްޕޯސްޓް ގާއިމުކޮށްފައިވަނީ ސެކިއުރިޓީއަށް ބޭނުންވާ ފަންނީ އާލާތްތަކާއެކު ޒަމާނީ ފެންވަރަށް ކަމަށް ވިދާޅުވި އެވެ. އަދި، މިއީ، ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، މަސްތުވާތަކެތީގެ ވަގުވިޔަފާރިއަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރުމަށް ލިބިގެންދިޔަ ބޮޑު ފުރުސަތެއްގެ ގޮތުގައި ޝަރީފް ފާހަނގަކުރެއްވި އެވެ.
”އެއަރ ސައިޑުން ލޭންޑް ސައިޑުން ނިކުންނަ މީހުން ވަރަށް ރަނގަޅަށް ޗެކްކުރެވި، ސްކޭންކޮށް، ކަސްޓަމްސްއިން ބައްލަވާނެ ވަރަކަށް ބައްލަވާ މިކަން ކުރުމުގެ ފުރުސަތު ފަހިވެގެންދިޔައީ“ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވި އެވެ.
ވީއައިއޭގެ އޭވިއޭޝަން ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި އިތުރު ސްކޭން މެޝިންތަކާއި، ބެގެޖް ހޭންޑަލް ކުރާ ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށްޓަވާނެކަމަށްވެސް ޝަރީފް ވިދާޅުވެފައި ވެއެވެ.




