ކެމްބޯޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައަޅައިފި އެވެ.
ކެމްބޯޑިއާ ސަރުކާރުން ރާއްޖެއަށް ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮއީ ކުންގް އެވެ.
އެމަނިކުފާނު މިއަދު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފަ އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފަ އެވެ.
ކެމްބޯޑިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ވިޔަފާރި، ތަޢުލީމު އަދި ދަނޑުވެރިކަމުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ސަރުކާރުން ސޮއިކުރި ފަހުމުނާމާތަކުގައި ހުރިކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ކެމްބޯޑިއާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްކަމުން، ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ. އެހެންނަމަވެސް މަގާމުގެ ރަސްމީ އެކި މަސައްކަތްތަކުގައި އުސޫލުތަކާއެއްގޮތަށް ރާއްޖެއަށް ޒިޔާރަތްކުރައްވާނެއެވެ.
ދިވެހިރާއްޖެއާ ކެމްބޯޑިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1995 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު އެވެ.



