ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) ގެ ”ނޮލެޖް ހަބް“ އިފްތިތާހުކޮށްފި އެވެ.
މި ޕްރޮގްރާމަކީ މުވައްޒަފުންގެ މެދުގައި، ނަފްސު ތަރައްގީ ކުރުމުގެ ރޫހާއި، ބަދަހި ކަމާއެކު ގުޅިގެން ކުންފުނި ކުރިއެކުރިއެރުމުގެ ފިކުރު އަށަގެންނެވުމުގެ މަގްސަދުގައި ސްޓެލްކޯއިން ފެށި ޕްރޮގްރާމެކެވެ. އެގޮތުން، މި ޕްރޮގްރާމްގް ދަށުން މުވައްޒަފުންގެ ތެރޭގައި އެކި ދާއިރާތަކުގެ ޓްރެއިނަރުން އުފައްދައި، ޓެކްނިކަލް އަދި ނޮން-ޓެކްނިކަލް ދާއިރާތަކުން މުވައްޒަފުން ތަމްރީނުކޮށް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ނޮލެޖް ހަބް އިފްތިތާކުކޮށްދެއްވުމަށް ފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ދެއްކެވި ވާހަކަފުޅުގައި، އެ ކުންފުންޏަކީ ޚިދުމަތް ދޭތާ 75 އަހަރުވެފައިވާ އުމުރުން ދުވަސްވީ ކުންފުންޏަކަށް ވެފައިވާއިިރު، މިފަދަ ޕްރޮގްރާމެއް އިފްތިތާހުވެގެން ދިއުން މިއީ މުހިންމު ތާރީޚީ ކަމެއްގެ ގޮތުގައި ފާހަނގަކުރެއްވި އެވެ. އަދި، އިފްތިތާހު ކުރެވުނު ނޮލެޖް ހަބަކީ އެ ކުންފުނީގެ މުސްތަގްބަލާ ދޭތެރޭ ވިސްނާ ފިކުރުކޮށް، މުސްތަގްބަލް ރާވައި ޕްލެޓްފޯމަކަށް ހެދުމަށް މުވައްްޒަފުންގެ ކިބައިން ފަހްމީ އެދިވަޑައިގެންނެވި އެވެ.
ސްޓެލްކޯގެ ނޮލެޖް ހަބަކީ އީޖާދީ ވިސްނުމާއި، ޚިދުމަތުގެ އެންމެ މަތީ ގިންތިއަށް ވާސިލުވުމުގެ އަމާޒުގައި ފެށި ހަރަކާތެއްކަމަށް އެކުންފުނިން ބުނެފައި ވެއެވެ.



