ގައުމީ އެއާލައިން މޯލްޑިވިއަނުން، އިންޑިއާގެ ޓްރިވެންޑްރަމަށް އިތުރު ދަތުރެއް ތާވަލުކޮށްފި އެވެ.
މޯލްޑިވިއަނުން މިހާރު އަންނަނީ ހަފުތާއަކު ހަތަރު ތާވަލު ދަތުރުތައް މާލެއިން ޓްރިވެންޑްރަމްއަށް ކުރަމުންނެވެ. އެއީ ހަފުތާގެ ހޮނިިހިރު، އާދީއްތަ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ.
މޯލްޑިވިއަނުން މިއަދު ވަނީ ހަފުތާއަކު އިތުރު ދަތުރެއް ޓްރިވެންޑްރަމްއަށް ކުރަން ނިންމާފަ އެވެ. މިކަން އިއުލާނުކޮށް މޯލްޑިވިއަނުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު މާލެ-ޓްރިވެންޑްރަމް ދަތުރެއް ކުރަން ތާވަލު ކޮށްފައިވާކަމަށެވެ. އަދި އެ ރޫޓަށް ދަތުރެއް އިތުރުކުރީ އެ މަންޒިލަށް ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންގެ މިންވަރު އިތުރުވުމާއި ގުޅިގެން، ފަސިންޖަރުންނަށް ލުއި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ.
އަލަށް އިތުރު ކުރި ފްލައިޓް މާލެއިން ދަތުރު ފަށާނީ މާލެ ގަޑިން އިރުއޮއްސި 06:40 ގައެވެ. ޓްރިވެންޑްރަމްއަށް ޖައްސާނީ އެ ސިޓީގެ ގަޑިން ރޭގަނޑު 09:20 ގައެވެ. އަދި އެފްލައިޓް އެނބުރި މާލެ އަންނަ ދަތުރު ފަށާނީ ޓްރިވެންޑްރަމް ގަޑިން ރޭގަނޑު 10:20 ގައެވެ. މި ދަތުރުގައި ބޭނުންކުރާނީ ފަސިންޖަރުންނަށް ހިތްގައިމުކަމާއެކު ދަތުރުކޮށްލެވޭގޮތަށް ޑޭޝް-8 ގެ އެއާ ކްރާފްޓްގައި ކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ.
މޯލްޑިވިއަނުން ބުނީ، އަލަށް ތާވަލު ކުރެވުނު ފްލައިޓުގެ ސަބަބުން، ފަސިންޖަރުންނަށް ދަތުރު ޕްލޭންކުރުމުގައި ފަސޭހަވެ، އިތުރު ފުރުސަތެއް ފަހިވެގެންދާނެކަމަށެވެ. އެއީ، ވިޔަފާރިއަށް ނުވަތަ ޗުއްޓީ ހޭދަކުރުމަށް ވިޔަސް މިހާރު ޓްރިވެންޑްރަމް އަށް ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންނަށް މި ދެ މަންޒިލުގެ މެދުގައި ދަތުރުކުރުމުގެ އިތުރު ފުރުސަތުތަކެއް ލިބިގެންދިއުންކަން މޯލްޑިވިއަނުން ފާހަނގަކޮށްފައި ވެއެވެ.
މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދުވެސް ތާވަލު ދަތުރުތައް ކުރެއެވެ. ހަފުތާއަކު ދެ ދަތުރުކުރާއިރު، މިދަތުރުތައް ކުރަނީ ހަފުތާގެ ހޯމަ ދުވަހާއި ހުކުރު ދުވަހު އެވެ.
މޯލްޑިވިއަން އަކީ ފުޅާދާއިރާއެއްގައި އެތެރޭގެ އަދި ބައިނަލްއަގުވާމީ އުދުހުންތައް ކުރިޔަށްގެންދާ ރާއްޖޭގެ ގައުމީ އެއާލައިނެވެ. މޯލްޑިވިއަންގެ ފްލީޓުން ރާްއްޖޭގެ ހަތަރު އެއާޕޯޓަކަށް ޑޮމެސްޓިން ދަތުރުތައް ކުރަމުން އަންނައިރު، އިންޑިއާ، ބަންގްލަދޭޝް، އަދި ސްރީލަންކާ ފަދަ ބައިނަލްއަގުވާމީ މަންޒިލްތަކަށް ތާވަލު ދަތުރުތައް ކުރެއެވެ.



