މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އަށް ޗީފް އެގްޒެކެޓިވް އޮފިސަރ(ސީއީއޯ) އެއް ހޯދަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުރި އިއުލާނު ބާޠިލުކޮށްފި އެވެ.
ޕީސީބީން މިފްކޯއަށް ބޭރުގެ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު އެވެ. ފުރުސަތު ހުޅުވާލީ އެމަގާމަށް ޝައުގުވެރިވާ މީހުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަގާމަށް އެދި ހުށަހެޅުމަށެވެ.
މިކަމާއި ގުޅުވައިގެން މިއަދު ޕީސީބީން ބުނެފައިވަނީ އިއުލާނުގެ މުއްދަތު ހަމަވީއިރު، އެ މަގާމައަށް ޝަރުޠު ހަމަވާ މީހަކު ކުރިމަތިވާލާފައި ނުވާތީ އިއުލާނު ބާޠިލްކޮށްފައިވާކަމަށެވެ. ޕީސީބީން އިތުރު ތަފުސީލެއް ނުދެއެވެ. އެެހެންކަމުން މަގާމަށް ކުރިމަތިލީ ކިތައް މީހުންނެއްްކަމެއްވެސް ސާފެއް ނުވެއެވެ.
މިފްކޯއަށް ސީއީއޯއެއް ހޯދުމަށް ޕީސީބީން ކުރި އިއުލާނުގައިވާގޮތުންނަމަ، އެމަގާމަށް ހޯދަނީ މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ޝައުގުވެރިކަން ހުރި ހުނަރުވެރި އަދި ޚިދުމަތްތެރި ބޭފުޅެކެވެ. އަދި، އެ މަގާމަށް ނަގާނީ ތައުލީމާއި މަސައްކަތުގެ ތަޖުރިބާހުރި ގާބިލު ފަރާތެއް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދީ އެމީހެެއްގެ ގާބިލިއްޔަތުކަމަށް ބަލައި، މުސާރައިގެ ގޮތުގައި މަހަކަށް 9500 ޑޮލަރާއި 12000 ޑޮލަރާއި ދެމެދުގެ އަދަދެއް ކަނޑައެޅުމަށްވެސް ނިންމާފައި ވެއެވެ.
މިފްކޯއަށް ސީއީއޯއަކު ހޯދަން ޕީސީބީން އިއުލާންކޮށްފައިވަނީ އެމަގާމުގައި ކުރިން ހުންނެވި އަހްމަދު ސަމާހް ރަޝީދު މަގާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. ޕީސީބީން އޭނާ މަގާމުން ވަކިކޮށްފައިވަނީ 21 މެއިގަ އެވެ.




