މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ މަސް ފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް ހުސްވެފައިވަނީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމުގެ ސަބަބުންކަމަށް އެކުންފުނިން ބުނެފި އެވެ.
މިފްކޯގެ ފިހާރަތަކުންނާއި އާންމުކޮށް މަސް ވިއްކާ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވުމާގުޅިގެން އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.
މިކަމާއި ގުޅިގެން މިފްކޯއިން ބުނެފައިވަނީ، މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މިވަގުތު ހުސްވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދުވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުންކަމަށެވެ.
ކަނޑުމަސް ލިބުން ދަތިވެފައިވި ނަމަވެސް ދަޅުމަސް އެއްވެސް ލިމިޓެއްނެތި މިފްކޯގެ ފިހާރަތަކުން ދަނީ ވިއްކަމުންނެވެ. އެހެންނަމަވެސް ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް ލިބެން ނެތެވެ. މިފްކޯއިން ބުނީ، ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަ މަސް ލިބިގެންކަމަށެވެ.
”ވެލިއު އެޑެޑް ޕްރޮޑަކްޓުގެ ތެރެއިންވެސް ކަޅުބިލަމަސް ނުލިބޭތީ ޕްރޮޑަކްޝަން ދަށްވެފައި މިހާރު އޮތީ. އެކަމަކު މަސްވެރިކަން ރަނގަޅުވުމާއެކު ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެ.“ މިފްކޯއިން ބުނެފައި ވެއެވެ.
މަސްވެރިކަން ދަށްވެފައިވާ މިހާލަތުގައި ކަނޑުމަސް ލިބެންދަތިވި ނަމަވެސް ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
މަސްވެރިކަން ދަށްވެސް މިފްކޯއަށް މަސްކިރުވޭ މިންވަރު ދަށްވެފައިވާއިރު، ދާދި ފަހުން މިފްކޯއިން ވަނީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ރިއާޔަތްކޮށް، އަގުތައް މުރާޖައާކޮށް، ކޮންމެ ހަފުތާއަކުވެސް ވަކި އަގެއް ކަނޑައަޅަން ފަށާފަ އެވެ. އެފަހުން މިހާރު ތިން ހަފުތާވެގެން ދިޔައިރުވެސް މަސް ގަންނަ އަގުހުރީ އެއް ވަރެއްގަ އެވެ. އަގަށް ގެނެސްފައިވާ ބަދަލާއެކު މިހާރު މިފްކޯގެ ސެންޓަރުތަކުންނާއި، ބޯޓު ފަހަރުން މަސް ގަންނަ އަގުތަކަކީ:
1.5 ކިލޯއިން މަތި
- އައިސް މަސް، ކަނޑު މަހާއި ކަންނެލި: 16 ރުފިޔާ
- އާދައިގެ މަސް،(އައިސް ނާޅާް) ކަނޑު މަހާއި ކަންނެލި: 14 ރުފިޔާ
1.5 ކިލޯއިން ދަށް
- އައިސް މަސް، ކަނޑު މަހާއި ކަންނެލި: 7 ރުފިޔާ
- އާދައިގެ މަސް،(އައިސް ނާޅާް) ކަނޑު މަހާއި ކަންނެލި: 5 ރުފިޔާ
މަސްވެރިކަން ދަށްވެފައިވާއިރު، މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ދެއްކުމުގައިވެސް މިފްކޯއަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ކުންފުންޏަށް އެކަށީގެންވާ މިންވަރަށް އާމްދަނީ ނުވަންނާތީ މިހާރުވެސް މަސްވެރިންގެ ބިލުތަކަށް ފައިސާ ނުދެއްކޭތާ ދެ ހަފުތާ ވެއްޖެއެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެންމެ ފަހުން ވިދާޅުވެފައިވަނީ ދެ ހަފުތާގެ ތެރޭގައި ކިރާމަހަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށެވެ.
ކިރާ މަހަށް ފައިސާ ލިބުން ލަސްވާތީ މަސްވެރިކަން ކުރަމުން އައި ބައެއް އޮޑި ފަހަރު މިހާރު އެހެލާ ހިސާބަށް ގޮސްފައިވާއިރު، ބައެއް އޮޑިވެރިން ދަނީ އޮޑި ވިއްކުމުގެ މުއާމަލާތްކުރަމުންނެވެ. އެއީ، ކެޔޮޅުންނާއި ފަޅުވެރިންނަށް މަސައްކަތުގެ އުޖޫރަ ނުދެވޭތީ އެމީހުން އޮޑިން ފޭބުމާއި، ފައިސާ ލިބުން ލަސްވުމުގެ ސަބަބުން އޮޑީގެ ޚަރަދު ދެކޮޅުޖައްސަން މިވަގުތު ދަތިވުމުންކަމަށް އޮޑިވެރިން ބުނެފައި ވެއެވެ.



