މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އަށް ކަޅުބިލަމަސް ގަންނަ ބޯޓު ފަހަރުތަކުގެ އޮޕަރޭޝަނަށް ބަދަލު ގެނެސްފި އެވެ.
މިފްކޯއިން މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި ކުރިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) އިން ރާއްޖޭގެ ދެކުނު ސަރަހައްދުގައި އޮޕަރޭޓް ކުރަމުންދިޔަ ހަތަރު ބޯޓެއް މިހާރު ވަނީ ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ދަށުން އޮަޕަރޭޓްކުރަނުން ނިންމުން ހިމެނެއެވެ. އެއީ، ދެކުނުގައި އޮޕަރޭޓްކުރަމުން އަންނަ އާރުއެސްޑަބްލިޔު 27.5 ޓަނު ޖާގައިގެ ބޯޓުފަހަރުގެ ތެރެއިން ރަންދި 23، 24، 25، 26 އެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޒާހިރު ވިދާޅުވިގޮތުގައި، މި ހަަތަރު ބޯޓް ފެލިވަރަށް ބަދަލުކުރީ، އެތަނަކީ ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީއަކަށްވެފައި، އާރުއެސްޑަބްލިޔުގައި ބެހެއްޓިފައިހުންނަ ތާޒާމަސް ހޯދުމުގެ އިތުރުން، އުތުރު ސަރަހައްދުގެ އިތުރު ބަނދަރުތަކުގައި ބޯޓުތައް ބޭއްވުމުގެ ބޭނުމުގަ އެވެ.
”ފެލިވަރަކީ ދަޅު ބަންދުކުރާ ފެކްޓްރީއަކަށް ވެފައި، އެތަނަށް ބޮޑަށް ބޭނުންވާ، އާރުއެސްޑަބްލިޔުގައި ބެހެއްޓިފައިހުންނަ ތާޒާމަސް ހޯދުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް. މި ހަތަރު ބޯޓް އުތުރަށް ބަދަލުކުރުމުން އިތުރު ބަނދަރުތަކެއްގައި މަސްގަންނަ ބޯޓު ބޭއްވޭނެ. މިކަމުގެ ސަބަބުން އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރީންނަށް މަސްކިރޭނެ ކަމުގެ ޔަގީންކަން އިތުރުވެގެންދާނެ.“ ޒާހިރު ވިދާޅުވިއެވެ.
ކޫއްޑޫން އޮޕަރޭޓްކުރަމުން އައި ހަތަރު ބޯޓެއް ފެލިވަރަށް ބަދަލުކުރަން ނިންމާފައިވާއިރު، ފެލިވަރުން އޮޕަރޭޓު ކުރަމުންދިޔަ ޖަޒީރާ-102 މީގެ ފަހުން ކޫއްޑޫ ސައިޓުން އޮޕަރޭޓް ކުރާގޮތަށްވެސް ވަނީ ނިންމާފަ އެވެ. އެބޯޓުން ދުވާލަކު 100 ޓަނަށްވުރެ ގިނަމަސް ފްޒީކުރެވޭކަން މިފްކޯއިން ފާހަނަގަކުރެއެވެ.
ޒާހިރު ވިދާޅުވީ، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަންދި ސީރީޒްގެ ކުޑަ ބޯޓަކަށް އެންމެ ދޯންޏެއްގެ މަސްވެސް ނުކިރޭކަމަށާއި، އެހެން ނަމަވެސް ޖަޒީރާ-102 ދެކުނަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ފްރީޒްކުރެވޭ މަސް އިތުރުވެގެންދާނެކަމުގަ އެވެ. އަދި އޭގެ ސަބަބުން މަސްވެރި މޫސުމުގައި އޮޑިދޯނިފަހަރުތަކުން މަސްކިރުމަށް ހަދާ ކިއު ކުޑަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިފްކޯއަށް ކަޅުބިލަމަސް ގަންނަ އެކުންފުނީގެ ބޯޓުފަހަރުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސްކިރުމުގައި މަސްވެރީންނަށް މިހާރު ދިމާވާ ބައެއް ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެކުންފުނިން ބުންޏެވެ. އަދި، މި ބަދަލާއެކު ޒުވާނުންނާއި، މަސްވެރިކަމުގެ ސިނާއަތާއި އަލަށް ގުޅެން ބޭނުންވާ އާންމު ފަރުދުންގެ މެދުގައި މަހަށް ފުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދާނެކަމަށްވެސް މިފްކޯއިން ފާހަނަގަކޮށްފައި ވެއެވެ.
މިފްކޯގެ ފްލީޓާއި އެންމެ ފަހުން ގުޅުނު ޖަޒީރާ-106 އާއި ޖަޒީރާ-105 ވެސް މަސްގަތުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިފްކޯއިން ބުނީ، ދާދި އަވަހަށް ޖަޒީރާ-104 ވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
ޖަޒީރާ-104 އޮތީ މިހާރު މާލޭގެ ބަނދަރުގައެވެ. އެބޯޓަށް މަސްގަތުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ދެކޭގޮތުގައި އެކުންފުނިން މަސްގަންނަ ފްލީޓަށް ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށޭއިރު، 150 ޓަން އިތުރަށް ފްރީޒް ކުރެވޭނެއެވެ.
މިފްކޯގެ ފްލީޓުގައި 1 ކެރިއަރ ވެސަލް އެބައޮތެވެ. އަދި، މަސްކިރުމުގެ އޮޕަރޭޝަންގައި މިވަގުތު 13 ބޯޓު ހަރަކާތްތެރިވާއިރު، އެ ބޯޓުފަހަރުތަކަށް ކިރާ މަސް ސައިޓަށް ގެންދިޔުމުގައި މަދާ ވެސެލްގެ ގޮތުގައި 5 ބޯޓު އަންނަނީ ހަރަކާތްތެރިވަމުންނެވެ.




