މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ނ އަތޮޅުން ފެށިގެން ޅ އަތޮޅާ ހަމަޔަށް ހަވީރު 04:15 އިން މިރޭ 08:30 އާ ހަމަޔަށެވެ.
މެޓް އޮފީހުން ބުނީ ސަމާލު ނެރެފައިވާ ވަގުތުގައި މިއަތޮޅުތަކަށް، ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އުތުރުގެ ހުރިހައި އަތޮޅަކަށްވެސް މިއަދު މޫސުން ގޯހެވެ. މެޓް އޮފީހުން މިއަދު ހެނދުނު އެންމެ ފުރަތަމަ ހުދު ސަމާލު ނެރުނީ 07:15 އިން މެންދުރު 12:00އާ ހަމަޔަށެވެ. އޭރު ސަމާލު ނެރުނީ ހއ އަތޮޅުން ފެށިގެން، ރ އަތޮޅާ ހަމަޔަށެވެ. އެ ސަމާލުގެ ވަގުތު ހަމަވުމުން މޫސުން އަލުން ލަފާކޮށް ހއ އިން ފެށިގެން ބ އަތޮޅާ ހަމަޔަށް، 12:00 އިން ހަވީރު 05:00 އާ ހަމަޔަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.



