ނާރެސް ޕޯޓަލް އިފްތިތާހުކުރުމާއި، އޮޕަރޭޝަން ކުރަނގި-2 ފެށުމުގެ ރަސްމިއްޔާތު މިމަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
”ނާރެސް“ އަކީ، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އައިޑީ ކާޑު ޔުނިޓް ނުވަތަ ޑީއެންއާރުގެ މަސައްކަތްތައް ބައްޓަން ކުރުމުގެ ގޮތުން ތައާރަފުކުރާ ޚާއްސަ ޕޯޓަލްއެކެވެ. އަދި އޮޕަރޭޝަން ކުރަނގި އަކީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެތެރެއިން ކުރިޔަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއިމަހުގެ 2 ވަނަ ދުވަހު އެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ، ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތް ހެދުމަށް ޑީއެންއާރުން ނާރެސް ޕޯޓަލް ބޭނުންކުރަން ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުކަމަށެވެ. އަދި، ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހިދުމަތް ލިބިގެންދާނެކަމަށެވެ. ހަމަ އެއާއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސްތަކެއްވެސް އެދުވަހު ހަވާލުކުރެވޭނެ ކަމަށް އެވުޒާރާއިން ބުނެފައި ވެއެވެ.
ނާރެސް ޕޯޓަލް އިފްތިތާހުކުރުމާއެކު އެދުވަހު އޮޕަރޭޝަން ކުރަނގި-2 ފެށުމުގެ ރަސްމިއްޔާތު ވެސް އޮންނާނެކަމަށް އެ ވުޒާރާއިން ބުންޏެވެ. މިއީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ އިސްވެރިންނާއި، އަދި އަތޮޅު ކައުންސިލްތަކުގެ އިސްވެރިންނަށް ދައުވަތު އެރުވިގެން ކުރިއަށް ގެންދާ ރަސްމިއްޔާތެއްކަމަށްވެސް އެވުޒާރާއިން ބުނެފައި ވެއެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތު އޮންނަނީ ކޮންތާކުކަމެއް އަދި ބުނެފައެއް ނުވެއެވެ.



