ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ, 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން އުފެއްދުމަށް އަދި އެ ކަމަށް ހިތްވަރުދީ މަގުކޮށައިދިނުމަށް މި ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވާނެކަމަށެވެ. އެގޮތުން، ހާފިޒުން އުފެއްދުމަށް ކުރާ ހޭދަ އިތުރުކޮށް، ހާފިޒުންނަށް ދެއްވާ އިނާޔަތް ދެގުނަ ބޮޑު ކުރައްވާނެކަމަށެވެ.
”އަޅުގަނޑުމެން ކުޑައިރު ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު ބައެއް. ނަމަވެސް، މިހާރު މި އަދަދު އެތައް ގުނައަކުން އިތުރުވަމުން އެބަދޭ. އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން އުފެއްދުމަށް ސަރުކާރުން ޚާއްޞަ ހޭދައެއް ކުރުން. އެ ކަމަށްޓަކައި ވަސީލަތްތައް އިތުރުކުރެވިގެންދާނެ. އަދި ޙާފިޡުންނަށް ލިބޭ އިނާޔަތް ދެގުނަޔަށް ބޮޑުކުރެވިގެންދާނެ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކީރިތި ޤުރްއާން އުނގަންނައި ދިނުމަށް، ކީރިތި ޤުރްއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ ވަރަށް މުހިންމު ކަމެއްކަމުން، މި ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރްއާނާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ މުޅިން އާ އިމާރާތެއް ކުރުމަށްޓަކައި ބިން ހަމަޖައްސައި އިމާރާތެއް ކުރެވިގެންދާނެކަމަށެވެ.
ކީރިތި ޤުރްއާނުގެ ޢިލްމާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަނގަކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ، އެ ކަމަށްވެސް ޚާއްޞަ ވިސްނުންތަކެއް ތަންފީޒުކުރައަވަމުން އަންނަ ކަމަށެވެ. އަދި، މި ވަގުތު މާލޭގައި ހުރީ ”ދާރުލް އީމާން“ގެ ނަމުގައި ހުރި އެންމެ ވަޤުފު އިމާރާތެއްކަމަށާއި، މި އިމާރާތަށް އަހަރަކު ލިބެނީ ހައެއްކަ މިލިޔަން ރުފިޔާކަން ފާހަނގަކުރެއްވި އެވެ. އެހެންކަމުން ދިނީ ކަންކަން ކުރިއެރުވުމަށް ކުރާ ހޭދަ އިތުރުކުރުމުގެ ގޮތުން އިތުރު ވަގްފު އިމާރާތްތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
”މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން، ”ދާރުއްސަލާމް“ގެ ނަމުގައި އާ ވަޤުފު އިމާރާތެއް އެޅުމަށްޓަކައި މަސައްކަތް ކުރެވެމުން އެބަދޭ. ހަމަ އެހެންމެ ”ދާރުލްއަރްޤަމް“ގެ ނަމުގައި އެހެން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖެހި، އެ ބިން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރު އެދަނީ ކުރިއަށް ގެންދަމުން.“ ރައީސް ވިދާޅުވި އެވެ.
ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަހުރި ގޮތްކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް މަގުފަހިކޮށްދެއްވުމަށްވެސް މި ސަރުކާރުން ސަމާލުކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކުރައްވައި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



