ފެނަކަ އަދި ސްޓެލްކޯއިން ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެމުންދާއިރު ފާއިތުވެދިޔަ މަސްތަކުގައި ކަރަންޓް ބިލުތަށް އިންތިހާއަށް ބޮޑުވެފައިވާކަމަށް ބުނެ، އެމައްސަލަ ބަލައި ތަހުގީގުކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އިދިކޮޅު މޯލްޑިވިއަން ޑޯމޮކްރެޓިން ޕާޓީ(އެމްޑީޕީ)ގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ، 2024 އެޕްރީލް ކަރަންޓް ބިލު ލިބުމާއެކު ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށް ސްޓެލްކޯއަށް ބިލުބޮޑުވާ ކަމުގެ ޝަކުވާ ހުށަހަޅައި، ސޯޝަލް މީޑިއާގައި އެކި މަސްދުވަހުގެ ބިލްތަކުގެ ފަރަގު ފެންނަ ގޮތަށް ފޮޓޯ ލައި، ކަންބޮޑުވުން ފާޅުކުރުމުން، ސްޓެލްކޯއިން އޭރު ބިލުތަކަށް ލުޔެއް ދިންކަމަށެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ މަސްތަކުގައި ރީޑިންގ ނަގާފައިވާ ބިލުތައް ކުރިޔަށްވުރެ ބޮޑުކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރުވެސް، ރައްޔިތުންނަށް ކަަރަންޓް ބިލު ބޮޑުވިގޮތުގެ ތަފުސީލު ސްޓެލްކޯއިން ދީފައިނުވާކަމަށެވެ.
ތަފުސީލު ލިބުނު ބައެއް ބިލުތައް ހެދިފައިވަނީ އެވްރެޖް ބިލެއްގެ ގޮތުގައި ސްޓެލްކޯއިން ބުނެފައިވާތީ ރައްޔިތުންނަށް ކަރަންޓް ބިލުތައް ވާ ގޮތް ސާފުކޮށްދިނުމާއި، މިކަހަލަ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތި އުދަނގޫ ކަންކަމުގައި ވީހާވެސް އަވަސް ހައްލެއް ހޯދައިދެއްވުމަށް ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައި ވެއެވެ.
މި ކުއްލި މައްސަލަ މަޖިލީހުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި 63 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓާއެކީ މަޖިލީހަށް ބަލައިގަނެ މިހާރު ދަނީ މައްސަލައާމެދު ބަހުސް ކުރަމުންނެވެ. ބަހުސްގެ ފުރަތަމަ ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން މައްސަލަ ހުށަހެޅުއްވި މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ހަކަތައިގެ ގާނޫނުގެ ދަށުން މިނިވަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއެއް އުފައްދާފައިވާކަމަށާއި، އެއޮތޯރިޓިގެ މެންޑޭޓްގެ ތެރޭގައި ޔުޓިލީޓީ ޚިދުމަތުގެ ފެންވަރާއި ރޭޓް ކަނޑައެޅުން ހިމެނޭކަމަށެވެ. މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުމަކީވެސް އެއޮތޯރިޓީގެ ޒިންމާއެއްކަމަށްވީއިރު، މިދިމާވެފައިވާ ހާލަތުގައި ކަރަންޓްގެ އަގާއި ބިލުކުރެވިގެންދާ ގޮތާމެދު ރައްޔިތުން ޝައްކުކުރަމުންދާ ހާލަތުގައި އޮތޯރިޓީ ކޮބައިތޯ މެމންބަރު ސުވާލު އުފެއްދެވިއެވެ. އަދި، މިއަދު މިތިބީ ކަރަންޓާ ނުލައި ނޫޅޭވޭވަރަށް ދިރިއުޅުމުގެ ކަންކަން ގޮސްފައިވާއިރު، ރައްޔިތުންނަށް މިޚިދުމަތްތައް އިތުބާރުކުރެވޭގޮތަަކަށް ދިނުމަކީ ދަައުލަތުގެ ޒިންމާއެއްކަމުގައިވެސް މެންބަރު ވިދާޅުވި އެވެ.
ކަރަންޓްގެ މައްސަލައިގައި އާންމު ކަންބޮޑުވުން ފާޅުކުރުމުން، އެމައްސަލަތައް ހުށަހެޅޭނެ ގޮތްތައް ސްޓެލްކޯއިން އިންތިޒާމުކޮށްފަ އެވެ. އަދި، ވަކި ކޭސްތައް ބަލައި ކަސްޓަމަރުންނަށް އޭގެ ތަފުސީލުތައްވެސް ދަނީ އުސޫލެއްގެ ދަށުން ފޯރުކޮށްދެމުންނެވެ. ބިލުތައް ބޮޑުވި މައްސަލައިގައި އާންމުންގެ ބަޔަކު ސްޓެލްކޯ ކުރިމަތީގައި މުޒާހަރާއެއްވެސް ކުރަން ފެށިއެވެ. ސްޓެލްކޯއަށް އިންޒާރުދީ، ސިލްސިލާކޮށް މުޒާހަރާ ކުރިޔަށްގެންދާނެކަމަށް ބުނިނަމަވެސް، އެ މުޒާހަރާއަކަށް މާބޮޑު ތަރުހީބެއް ނުލިބުމުން ހުއްޓާލީއެވެ.



