ގަވާއިދާ ޚިލާފަށް ވިޔަފާރީގައި ޝާމިލުވާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގި ޖޮއިންޓް ޓާސްކްފޯސް އޮޕަރޭޝަނުގައި މިހާތަނަށް 42 ތަނެއް ބަލައި ފާސްކޮށް 118 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިކަން ހާމަކުރީ، މި ފަހުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންނަށް ޚާއްސަކޮށް އަމާޒުކޮށް ގެން ކުރިޔަށްދާ އޮަޕަރޭޝަނުްތަކުގެތެރޭގައި ކުރެވިފައި ހުރި ބައެއް މަސައްކަތްތައް މިއަދު ނޫސްވެރިންނާއި ހިއްސާކުރަމުންނެވެ.
މި ބައްދަލުވުމުގައި، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، އޮޕަރޭޝަނުފައި 42 ތަނެއް ބަލާ ފާސްކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ މާލޭގައި ހިންގާ 6 މާރުކޭޓަކާއި، 7 ރީޓެއިލް ފިހާރައާއި، 17 ޓޭކް އަވޭއާއި، 3 ސްޕާއާއި، 5 ކެފޭއާއި، 1 ފަހާތަނުގެ އިތުރުން 3 މޯބައިލް ވިއްކާ ފިހާރަކަމަށެވެ.
އޮޕަރޭޝަނުގައި ބަލާ ފާސްކޮށްފައިވަނީ ޚާއްސަކޮށް ވިޔަފާރިތަކާއި، ވިޔަފާރިތަކާއި ގުޅުންހުރި އޭރިއާތަކަށްކަމަށާއި، އޮޕަރޭޝަނުގައި ޓާގެޓް ބޮޑަށް ކުރަނީ އެންމެ އާންމުކޮށް މިއުޅޭ ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކަށްވުރެ ބޮޑަށް، މިކަމުގައި ޝާމިލުވާ މައި ފަރާތްތަކަށް ކަމަށް، ކޮންޓްރޯލަ މުހައްމަދު ޝަމްއާން ވަހީދު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވީ، އޮޕަރޭޝަން ހުއްޓާނުލައި ސިލްސިލާގޮތެއްގައި ކުރިޔަށްގެންދާނެކަމަށެވެ. އަދިވެސް ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާކަމަށް އައިޑެންޓިފައި ކުރެވިފައިވާ ފުދޭ ވަރަކަށް ގިނަ ތަންތަން ހުރިކަން ޝަމްއާން ފާހަނގަކުރެއްވި ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވައެވެ.
ޝަމްއާން ވިދާޅުވީ، ޖޮއިންޓް ޓާސްކް ފޯރސް އެކުލަވާލާފައިވަނީ، ފޮރިން ލޭބަރ ޑިޕާޓްމަންޓާއި، ފުލުހުންނާއި އިމިގްރޭޝަން ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެ ޓާސްކް ފޯސްއިން މައި ތިން އޮޕަރޭޝަން ހިންގާއިރު، އޭގެތެރެއިން ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އިސްވެ ހިންގަނީ އިމިގްރޭޝަނުން ކަމަށް ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވީ، އެއޮތޯރިޓީ ލިބިފައި އޮތުމުން، މަސައްކަތަށް ވަރަށް ފަސޭހަވެފައިވާކަމަށެވެ. އެގޮތުން ފުލުހުންނާއި ގުޅިގެން މިއޮޕަރޭަޝަންކުރިޔަަށް ގެންދާއިރު، ފުލުހުން މައުލޫމާތު ހިއްސާކޮށް އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދެމުން ގެންދާތީ އޮޕަރޭޝަން ކުރިޔަށްގެންދިއުމުގައި ލުޔެއްލިބިފައި ވާކަމަށެވެ. އަދި އޮޕަރޭޝަނަށް ބޭނުންވާ މައުލޫމާތާއި ރިސޯސަސްތައް ޓީމްގެ މެދުގައި ހިއްސާކުރަމުންދާކަމަށާއި، އިމިގްރޭޝަންގެ އޮޕަރޭޝަންވެސް ފުލުހުންނާއި ގުޅިގެން ކުރިޔަށް ގެންދާތީ ފަސޭކަތަކެއް ވެގެންދާކަމަށް ޝަމްއާން ވިދާޅުވި އެވެ.
”ކުރިޔާ އަޅާ ބަލާއިރު މަސައްކަތްތައް ދެގުނަ އިތުރަށް އަވަސްވެފައި މިވަނީ ވެސް ހަގީގަތުގައި މިއީ އެއްކޮށް ކުރާ މަސައްކަތުގެ ސަބަބުން.“ ޝައްމާން ވިދާޅުވި އެވެ.
އޮޕަރޭޝަނުގައި ހައްޔަރުކުރި އެއްވެސް މީހަކަށް އިތުރަށް ރާއްޖޭގައި އުޅުމުގެ ފުރުސަތު ނުދޭނެކަމަށާއި، ރާއްޖެއަށް އެނބުރި ނާދެވޭގޮތަށް އެންމެންވެސް ފޮނުވާލާނެކަމަށް ޝަމްއާން ވިދާޅުވި އެވެ.




