ޑްރަގް އަދި ގޭންގް މާރާމާރީގެ މައްސަލަތަކުގައި 142 ބިދޭސީންނާއި ހަށި ވިއްކުމުގެ ވިޔަފާރީގައި އުޅުނު 65 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަންއިން ބުނެފި އެވެ.
މިއަދު އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޭތުވެ ދިޔަ މި 8 މަސްތެރޭގައި، އިމިގްރޭޝަނުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ފުރުވާލުމަށް، ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ 17 ނޮވެމްބަރު 2023 އިން ފެށިގެން 15 ޖުލައި 2024 އާ ހިސާބަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 153 ބަލާ ފާސްކުރެވުނު ކަމަށެވެ. އަދި މި ރެއިޑް އޮޕަރޭޝަން ތަކުގައި ޖުމްލަ 2069 މީހުން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ފުރުވާލާފައި ވާކަމަށެވެ.
ޝިފާން ވިދާޅުވީ، ޑީޕޯޓްކުރެވުނު ބިދޭސީންގެ ތެރޭގައި، ހިމެނޭ ޖިނާއީ ކުށްތަކަށް އަރައިގަނެފައިވާ ފަރާތްތައް ފޮނުވާލީ، އިމިގްރޭޝަން ގާނޫނާއި ޚިލާފުވެގެންކަމަށެވެ. މީގެތެރޭގައި ބައެއް ސީރިއަސް ކަންތައްތައްވެސް ހިމެނޭކަމަށެވެ. ފޮނުވާލި މީހުންގެ ތެރޭގައި، ފުޅާ ދާއިރާއްގައި، ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތްތައް ދިޔަ 8 ފަރާތަކާއި، ހަށި ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 65 ފަރާތަކާއި، ޑްރަގް އަދި ގޭންގް މާރާމާރީގައި މައްސަލަތަކުގައި ހިމެނޭ 142 ފަރާތަކާއި، އިމިގްރޭޝަނުން ބަލަމުންދާ އެކި މައްސަލަތަކުގައި ހޯދާ ފަރާތްތަކުގެތެރެއިން 15 މީހުންނާއި، ވިސާ ނުވަތަ ލިޔެކިޔުމަށް ބަދަލު ގެނެސްގެން އުޅުނު 9 ފަރާތެއް ހިމެނޭކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވަނީ މީގެތެރޭގައި ހިމެނޭ ތިން ސީރިއަސް ކޭސްއެއް މިއަދު މީޑިއާއާއި ހިއްސާކޮށްފަ އެވެ.
ކޭސް-1 :
3 ޖުލައި ގައި ވިސްޓާ އެއާލައިނުން ބަންގްލަދޭޝްގެ ހަތަރު މީހަކު ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އެ މީހުން ރާއްޖެއަށް އެތެެރެވެފައިވަނީ ނަކަލުކޮށްފައިވާ ގްރީސް އެގްޒިޓް ސްޓޭމްޕްތަކެއް ޕާސްޕޯޓްގައި ޖަހައިގެންނެވެ. އިމިގްރޭޝަނުން ބެލި ބެލުމުން ޝައްކުކުރެވުނީ، އެ މީހުން ރާއްޖެ އެތެރެވެފައި ޔޫރަޕް އެހެން ގައުމަކަށް ދިއުމަށް މަގުފަހިކުރުމުގެ ގޮތުންކަމެވެ.
”އެއީ ރާއްޖެއަށް އެތެރެވެއްޖެއްޔާމު، ރާއްޖޭގެ އެންޓްރީ ސްޓޭމްޕް ލިބިއްޖެއްޔާމު ފަސޭހަވޭ އެހެން ގައުމުތަކަށް ވަންނަން. އެހެންވީމައި ރާއްޖެ އެބަ ބޭނުންކުރޭ ޓްރާންސިޓް، ނުވަތަ ޓާގެޓް ކުރެވޭ ޓްރާންސިޓް މަންޒިލަކަށް.“ ޝިފާން ވިދާޅުވި އެވެ.
ކޭސް-2:
މި މައްސަލައިގައި ހިމެނޭ ބިދޭސީ ފަރާތަކީ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ 2019 އިން ފެށިގެން އޭނާ ޑީޕޯޓްކުރުމާއި ހިސާބަށް 23 އަންހެނަކު ރާއްޖެ އެތެރެކޮށް، ހަށިވިއްކުމުގެ ކަންކަމުގައި ގެންގުޅެފައިވެއެވެ. އޭނާއާއެކު އޭނާ ހަށިވިއްކަން އުޅުނު މީހުންވެސް ވަނީ ޑީޕޯޓްކޮށްފަ އެވެ.
ކޭސް-3:
ޚާއްސަކޮށް ކަޅު ބާޒާރުގައި، ފައިސާ މާރުކުރާ ބިދޭސީންނަށް އަމާޒުކޮށްގެން މި 8 މަސްތެރޭގައި ހިންގި އޮޕަރޭޝަންތަކެއްގައި 8 މީހަކު ހިފެހެއްޓި އަދި މިތަނުން 6 މީހަކު ވަނީ ފޮނުވާލާފަ އެވެ. ފޮނުވާލުމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ޕްރޮސެސް ފުރިހަމަ ނުކުރެވިގެން މީގެތެރެއިން 2 މީހުން އަދިވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެބަތިބިއެވެ.
ނޫސްވެރިިންނާ މި މައްސަލަތައް ހިއްސާކޮށްފައިވަނީ ހިފަހައްޓާ މީހުން ޝާމިލުވާ ސީރިއަސް މައްސަލަތައް ވަޒަންކޮށްދިނުމުގެ ބޭނުމުގަ އެވެ.
17 ނޮވެމްބަރުން ފެށިގެން މިއަދާއި ހަމައަށް، ގަވާއިދާއި ޚިލާފުވެގެން ފުރުވާލެވުނު ބިދޭސީންގެ އަދަދު 2069 އަށްއަރާއިރު، އިމިގްރޭޝަނުން ވަނީ ޖޮއިންޓް ޓާސްކްފޯސްގެ އޮަޕަރޭޝަން ވަރުގަދަކޮށްފަ އެވެ. އެގޮތުން މިއަދާއި ހަމައަށް 153 ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާއިރު، މީގެ ތެރެއިން 42 ރެއިޑަކީ ސީދާ ވަގުވިޔަފާރި ކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން މިފަހުން ހިންގި ރެއިޑްތަކެކެވެ. އެ ރެއިޑްތަކުގައި 118 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އިމިގްރޭޝަނުން ބުނީ މިއިން އެއްވެސް މީހަކަށް ރާއްޖޭގައި އުޅުމުގެ ފުރުސަތު އިތުރަށް ނުދޭނެކަމަށާއި، އެމީހުން ފޮނުވާލާނީ ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ކަމަށެވެ. އަދި އެރެއިޑްތައް ކުރިޔަށް މިއޮތް ދުވަސްތަކުގައިވެސް ސިލްސިލާކޮށް ކުރިޔަށްގެންދާނެކަމަށާއި، އެކަމުގެ އަޑީގައި ތިބި ދިވެހިންނަށްވެސް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފަ އެވެ.



