މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ ރޭ އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި އެކުންފުނީގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
އެކުންފުނީގެ 304 ހިއްސާދާރަކު ބައިވެރިވި މި ޖަލްސާގައި ޙިއްސާއަކަށް 3 ރުފިޔާ ބެހުމަށް ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %99.67 ވޯޓުންނެވެ. އެމްޓީސީސީއަށް 2023 އަހަރު ސާފު ފައިސާގެ ގޮތުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާ އެވެ.
ރޭގެ ޖަލްސާގައި އެކުންފުނީގެ އާއްމު ހިއްސާ ދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުންގެގޮތުގައި ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން ވަނީ އައްޔަން ކޮށްފައެވެ. އަދި، މި އަހަރަށް ކުންފުނީގެ އޮޑިޓަރެއްވެސް ވަނީ ހަމަޖައްސާފަ އެވެ. އޮޑިޓަރެއްގެ ގޮތުގައި ހަަމަޖައްސާފައިވަނީ ޑެލޮއިޓް އެވެ.




