ދިވެހިންނަށް ވިސާއާ ނުލާ 60 ދުވަހު ތައިލޭންޑްގައި ތިބެވޭގޮތަށް މިހާރުވަނީ ހަމަޖެހިފައވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 ޖުލައި 2024 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސަވާފައި ވާކަމަށެވެ. އެގޮތުން، ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލަންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސްއެއް ހޯދުމުގެ މުހިއްމުކަމާއި، ރާއްޖެއިން ބޭރުގައި އުޅޭއިރު އެގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ތައިލޭންޑަކީ މިހާރު ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ޗުއްޓީ އަށާއި، ވިޔަފާރި ދަތުރުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ތައިލޭންޑަށް ދަތުރުކުރެއެވެ.



