ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކޮމްޕިއުޓަރުތަކެއް ހަދިޔާކޮށްފި އެވެ.
ޕާކިސްތާނު ހައިކޮމިޝަނުން ހަދިޔާ ކުރީ، 10 ކޮމްޕިއުޓަރު ސިސްޓަމާއި, 7 ލެޕްޓޮޕެވެ. މިސާމާނު އިސްލާމިކް މިނިސްޓްރީއާ ހަވަލުކޮށްފައިވަނީ މިއަދު ހެނދުނު މިކަމަށް ޚާއްސަކޮށްގެން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި، ޕާކިސްތާން ހައި ކޮމިޝަނުގެ ފަރާތުން ސާމާނު ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީ އެވެ. އަދި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސާމާނާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވިދާޅުވީ، ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށެވެ. އަދި، ދިވެހިރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ޕާކިސްތާނު ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވައި ސަފީރު ވިދާޅުވީ، އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވަނީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ވެދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުން، ވަކީން ޚާއްސަކޮށް މިނިސްޓްރީއަށްދޭ އެހީތެރިކަން ފާހަނގަކުރައްވައި ޕާކިސްތާނު ސަފީރަށް ޝުކުރު ދަންނަވާފަ އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި، އެމްބަސީގެ ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.


