އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ކާނާ ވިހަވެގެން, ގިނަ އަދަދެއްގެ ދަރިވަރުންނަށް ފަރުވާދޭން ޖެހުނު ހާދިސާގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރު ދަންނަވައިފި އެވެ.
ރޭ ހިނގި މި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހި، އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދޭން ޖެހުނެވެ. އައިސީޔޫގައި ފަރުވާދެމުންދާ 2 ދަރިވަރުން ފިޔަވައި އެހެން ހުރިހާ ދަރިވަރުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. އަދި އައިސީޔޫގައި މިހާރު ފަރުވާދެމުންދާ 2 ދަރިވަރުންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ވަނީ، މި ހާދިސާގައި، އައްޑޫ ސިޓީގައި ގާއިމުވެފައިވާ އެކި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން ދިން އެހީތެރިކަން ފާހަނގަކޮށް ޝުކުރު އަދާކޮށްފަ އެވެ. ވަކީން ޚާއްސަކޮށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވެރިންނާއި މުވައްޒަފުން، ސަދަން ރީޖަންގެ ސިފައިން، ދާޚިލީ ވުޒާރާ، އައްޑޫ ސިޓީ ކައުންސިލް، ރެޑް ކްރެސެންޓު، ޕަބްލިކް ހެލްތު، ނޭޝަނަލް ކެޑޭޓް ކޯޕްސް، އައްޑޫ ސިޓީ އަވަށު އޮފީސްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން އެ ސިޓީގެ ވޮލަންޓިއަރުންގެ އެހީތެރިކަން ފުލުހުންގެ ޚިދުމަތުން ފާހަނގަކޮށްފައި ވެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގި ގޮތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަކަމަށެވެ. އަދި، މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.



