މ. މުލިން ކަރަންޓް ކެނޑިފައި ވާތީ އެ މައްސަލަ ހައްލުކުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނެކަ ކޯޕަރޭޝަނުން ބުނެފި އެެވެ.
މުލިން ކަރަންޓްގެ ޚިދުމަތް މެދު ކެނޑޭތާ މިހާރު 24، ގަޑީއިރުވެފައިވާއިރު، އެކި ސަރަހައްދުތަކަށް ބަހާލައިގެން އެކި ވަގުތުތަކުގައި ދަނީ ކަރަންޓް ކޮންމެވެސް ވަރަކަށް ފޯރުކޮށްދެމުންނެވެ.
މިމައްސަލައިގައި މިއަދު ފެނެކައިން ބުނެފައިވަނީ، މުލީގައި ކަރަންޓު ދިނުމަށް ބެހެއްޓިފައި ހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ޙިދުމަތް ކެނޑިފައި ވާކަމަށެވެ. އަދި، މައްސަލަ ދިމާވި ވަގުތުން ފެށިގެން ފެނަކައިގެ ޓީމުތަކުން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފެނަކައިން މިހާރު ވަނީ އެރަށަށް އާ ޖެނެރޭޓަރެއް ގެންގޮސްފަ އެވެ. 600 ކވ ގެ މި ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކައިން ދަނީކުރަމުންނެވެ.
”އައު ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުންދާ ވާހަކަ ދަންނަވަން. މި ހާލަތުގައި ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކަށް މަޢާފަށް އެދެން.“ ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައިން ދަނީ ރާއްޖޭގެ 157 ރަށުގައި ފެނާއި ނަރުދަމާގެ އަދި ކަރަންޓުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތި ހާލަތާއެކުގައިވެސް އެކުންފުނިން ދަނީ ކަރަންޓް ކެނޑޭ ރަށްތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކުންފުނީގެ ޓީމުތަކުން ދަނީ ކެނޑި ނޭޅި މަސައްކަތްކުރަމުންނެވެ. އަދި، ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައިވެސް ފެނަކައިން ކުރަމުންދާ މަސައްކަތުގައި، މައްސަލަ ހުރި ރަށްރަށަށް އާ އިންޖީނު ހޯދާ އެރަށްރަށަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިދިޔަ ހަފުތާގައިވެސް ވަނީ ރ. އިނގުރައިދުއަށް 600ކވ ގެ ޖަނަރޭޓަރެއް ފޮނުވާފަ އެވެ.



