ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) އޮފީހުންކުރާ ހުރިހާ މަސައްކަތެއް، ވަގުތުން ވަގުތަށް ޢާންމުންނަށް ފެންނާނޭހެން، ”އާމަހި“ ގެ ނަމުގައި ވެބްސައިޓެއް ހަދައި، ހިންގަން ފަށައިފި އެވެ.
ޕީޖީން އޮފީހުން ބުނީ، މިވެބްސައިޓުގައި، އެ އޮފީހުގައި ހިނގާ ކަންކަން، ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށާއި، ވެބްސައިޓަށް މައުލޫމާތު ނަގަނީ ޕީޖީ އޮފީހުގެ ކޭސްމެނޭޖްމަންޓް ސޮފްޓްވެއަރއިން އޮޓޮމެޓިކުން ކަމަށްވާތީ، އެ އޮފީހުގެ ވަކި މުވައްޒަފަކަށް ނުވަތަ މުވައްޒަފުން ތަކަކަށް އެ މައުލޫމާތައް ބަދަލު ނުގެނެވޭނެކަމަށެވެ.
”ކޮންމެ ދުވަހަކު، ތަޙްޤީޤީ އިދާރާތަކުން ޕީޖީ އޮފީހާ މަޝްވަރާކުރާ މައްސަލަތަކާއި، އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކާއި، ކޯޓުގައި މައްސަލަ ތާވަލުކުރާ ގޮތާއި، މައްސަލަތައް ނިމޭ ގޮތާބެހޭ ހުރިހާ މަޢުލޫމާތެއް ވެބްސައިޓުން ފެންނާނެ. އެމަޢުލޫމާތުތައް، ކޮންމެ 6 ގަޑިއިރަކުން އެއްފަހަރު އަދާހަމަ ކުރެވެމުންދާނެ.“ ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
ޕީޖީ އޮފީހުން ބުނީ، އެ ވެބްސައިޓްގައި އެ އޮފީހަށް ކުރެވޭ ކަންކަމާއި ނުކުރެވޭ ކަންކަމުގެ މަޢުލޫމާތު ފެންނާނެހެން ހާމަކޮށް ޖަވާބުދާރީ ކުރުވޭނެ މަގު ”އާމަހި“ ގެ ޒަރީއާއިން ތަނަވަސްކޮށްދީފައިވާކަމަށެވެ. އަދި، އެންމެހައި ފަރާތްތަކުންވެސް އޭގެ ބޭނުން އެދެވޭގޮތުގައި ހިފުމަށް ޕީޖީ އޮފީހުން އެދިފައި ވެއެވެ.
”މިއޮފީހުގެ އެދުމަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ދިރާސާކުރާ މީހުންނާއި، ނޫސްވެރިންނާއި، ސިޔާސީ މުޙައްނިކުންނާއި، ތަފާތު މަޖާލުތަކުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ވާހަކަ ދައްކަވާއިރު، މިއޮފީހުން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށްވެސް ކޮންމެވެސް ވަރަކަށް ބައްލަވައި ލައްވައި، ދިރާސާއެއް ހައްދަވައިގެން ވާހަކަފުޅު ދެއްކެވުން.“ ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
”އާމަހި“ ވެބްސައިޓުގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުންވެސް ލިޔުންތައް ޝާއިއުކޮށްފައި ވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ބިނާކުރަންވާނީ ހާމަކަމާއި ހަމަހަމަކަމާއި ޖަވާބުދާރީވުމުގެ މައްޗަށް ކަމަށް އޮވެއެވެ. މިއީ، ދުސްތޫރީ ހަމައަކަށްވުމުގެ އިތުރުން، ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހޭކަމެއްވެސް މެއެވެ. ”އާމަހި“ ވެބްސައިޓަކީ އެގޮތުގެ މަތިން ކަންކަން ތަންފީޒްކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެއްކަމަށް ޕީޖީން އޮފީހުން ބުނެފައި ވެއެވެ.


