ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) ގެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި މިއަދު އެކުންފުނީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ރަސްމީކޮށް ޚިދުމަތް ފެށުމަށް މިއަދު އެ ސިޓީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް މިނިސްޓަރ ޠާރިގް އިބްރާހީމާއި ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލްއާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ބައިވެރިވަޑައިގެންނެވި އެވެ. އަދި، ވެމްކޯގެ މޭނޭޖްމެންޓް ބޭފުޅުންނާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިސްވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވި އެވެ.
ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހު ކުރި ނަމަވެސް އެކުންފުނިން ވަނީ ޖޫންމަހުގެ ތެރޭގައި އެ ސިޓީގައި ޚިދުމަތް ދޭން ފަށާފަ އެވެ. އަދި ޖޫންމަހު ދިން ޚިދުމަތަށް އަގު ނުނަގާގޮތަށް ވެމްކޯގެ މެނޭޖްމެންޓުން ވަނީ ނިންމާފަ އެވެ. އަދި، ޖުލައި މަހުގެ ޚިދުމަތުގެ ބިލު އޯގަސްޓްމަހުގެ ފުރަތަމަ ހަފުތާގައި ފޯރުކޮށްދޭނެކަމަށް ވެމްކޯއިން މީގެކުރިން ބުނެފައި ވެއެވެ.
ކުޅުދުއްފުށި ސިޓީގައި، ވެމްކޯގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރެއިން ގޭބިސީތަކުން ޚިދުމަތުގެ އަގުގެ ގޮތުގައި މަހަކު ނަގަން ކަނޑައަޅާފައިވަނީ 150 ރުފިޔާއެވެ. ވިޔަފާރިތަކުން ނަގާ ކުނިން ޗާޖުކުރަން ނިންމާފައިވަނީ ލީޓަރަަކަށް 16 ލާރީގެ މަގުންނެވެ. އަދި، ވެމްކޯގެ ސައިޓުން ހޯދާ ޚިދުމަތަށް އަގުކުރަން ނިންމާފައިވަނީ ޓަނަކަށް 108 ރުފިޔާގެ ރޭޓުންނެވެ.
ވެމްކޯއިން ބުނީ، 1 އޯގަސްޓް 2024 އިން ފެށިގެން ވެމްކޯގެ ސައިޓްތަކުން ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ގޭޓް ފީއެއްވެސް ޗާޖް ކުރާނެކަމަށެވެ. އެގޮތުން، ސަރުކާރުގެ މުއައްސަސަތަކުގެ ގޭޓް ފީއެއްގެ ގޮތުގައި ޗާޖްކުރާނީ 2660 ރުފިޔާކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
ވެމްކޯއިން ވަނީ ޖޫންމަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ތިނަދޫ ސިޓީ އާއި ކ. މާފުށީގައިވެސް ވެމްކޯގެ ޚިދުމަތް ދޭން ފަށާފަ އެވެ.



