ސަރުކާރުން ށ. މާއުނގޫދޫ ތަރައްގީކުރަމުން އަންނަ ބަނދަރު މަޝްރޫއުގެ މަސައްކަތުގެ %70 ނިމިއްޖެ އެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ، މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާއިރު، މިހާރު ކުރިޔަށްދަނީ، ސައިޓުގައި ބޭރު ތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތްކަމަށެވެ، މީގެ އިތުރުން، އެކްސެސް ޕްލެޓްފޯމްގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައިވާއިރު، އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %71 މިހާރު ފުރިހަމަކުރެވިފައިވާކަމަށް އެމްޓިސީސީން ބުންޏެވެ.
ޖުމްލަ މަޝްރޫއުގެ މަސައްކަތަށް ބަލާއިރު، %70 މަސައްކަތްވަނީ ނިމިފަ އެވެ. އިތުރު މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފަ އެވެ.
މި މަޝްރޫޢުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 475 ދުވަސްތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމަން ޝަރުޠުކޮށް އެމްޓީސީސީއާ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ 13 މެއި 2022 ގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ 20 ސެޕްޓެމްބަރު 2022 ގައެވެ.
ސަރުކާރުން ދެކޭގޮތުގައި، މާއުނގޫދޫ ބަނދަރު ތަރައްގީކޮށް ނިމުމުން، އެރަށަށް މިހާރު ކުރިމަތިވެފައިވާ ލަފާ ފުރުމުގެ ދަތިތައް ހައްލުވެގެންދާނެ އެވެ. ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މި ރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވުމުން އިގްތިސާދީ ގޮތުން އިތުރު ފައިދާތައް ލިބިގެންދާނެކަމަށް ބެލެވެއެވެ.




