ފަލަޞްޠީނުގެ މައްސަލައާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްޔެ ނެރުނު އިރުޝާދީ ލަފަޔަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އައިސީޖޭއިން ނެރުނު އިރުޝާދީ ލަފަޔަކީ، އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާއި އަމަލުކުރާ ގޮތްތަކުގެ ސަބަބުން ގާނޫނީގޮތުން ނުކުންނަ ނަތީޖާތަކާ ގުޅޭ ގޮތުން ދިން ކަފައެކެވެ.
ރައީސުލްޖުމްހޫރިއްޔާ މިލަފަޔަށް މަރުހަބާ ވިދާޅުވެފައި ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާ ކުރެއްވި މެސެޖެއް ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގަވާއިދާ ޚިލާފަށް ދެމިތިބުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ޚިލާފު ކަމެއްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި، ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިދޭކަން އައިސީޖޭގެ އިރުޝާދު ލަފައިގައި ބަޔާންކޮށްފައިވާތީ އެކަންވެސް ފާހަގަކުރައްވާފައި ވެއެވެ.
މީގެއިތުރުން، އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާ އަދި އިސްރާއީލުގެ ނާއިންސާފު ޢަމަލުތަކާ އަދި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ގޮވާލައްވާފަ އެވެ.
އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިއްޔެ އައި.ސީ.ޖޭ އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންއާއެކު، އިތުރަށް އައުވެގެން ދިޔަކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވަފައި ވެއެވެ.



