ކުންފުނީގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ދިޔަނަމަވެސް، އެ ފިޔަވަޅުތަކުގެ ތެރެއިން އާދައިގެ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން މިހެން ބުނެފައިވަނީ، އެ ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތި ހާލަތުން އަރައިގަނެ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވާހަކަތައް ފަތުރަމުންދާތީ އެކަމުގެ ހަގީގަތް ހާމަކުރުމުގެ ގޮތުންނެވެ.
މިފްކޯއިން މި މައްސަލައިގައި ބުނެފައިވަނީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސްފައިވާކަމަށާއި، ގެނައި ބަދަލުގެތެރެއިން މުސާރަ އުނިކުރަން ނިންމާފައިވަނީ ޖެނެރަލް މެނޭޖަރުންނާއި މެނޭޖްމެންޓް ފެންވަރުގެ މުވައްޒަފުންގެ މުސާރައިން ކަމަށެވެ. އަދި އެއްވެސް އާދައިގެ މުވައްޒަފެއްގެ މުސާރައިން އުނި ނުކުރާނެކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފަ އެވެ.
”މިފްކޯގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ބްލީޑްވާ ދިމާ ދެނެގަތުމާއި، އިސްރާފު ކުޑަކުރުމަށް ގެންނަމުންދަނީ ހެޔޮ ބަދަލެއް. އެއްވެސް އާދައިގެ މުވައްޒަފެއްގެ މުސާރައިން އުނިކުރުމެއް ނެތް.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާއިރު، އެއްވެސް އޮޅުވާލުމެއް އެކުންފުނިން ނުގެންގުޅޭނެކަމަށާއި، އެކުންފުންޏާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށެވެ. އަދި، އެއީ މިފްކޯއާއި ގުޅޭގޮތުން އާންމުން ދެކޭގޮތް ބަދަލުކުރުމަށް ވަކިގޮތަކަށް ފަރުމާކުރެވިގެން ފަތުރަމުން އަންނަ ދޮގު ވާހަކަތަކެއް ކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.
‼️🚨Breaking News
MIFCO is firing ordinary staff & keeping political/senior management.
Also, please don’t be fooled by their 20% salary cut for senior management. That 20% cut is from BASIC salary.
Basic salary is small for all positions to avoid high pension payments.
For… pic.twitter.com/EacuZUhPOi
— Hassan Kurusee (@HKurusee) July 19, 2024
މިފްކޯގެ އަމާޒަކީ މި ދަނޑިވަޅުގައިވެސް އެއްވެސް މުވައްޒަފެއްގެ ހައްގު ނުގެއްލޭގޮތަށް، އަދި އެއްވެސް މުވައްޒެއްގެ ހައްގަކަށް އުނިކަން ނާންނާނޭގޮތަކަށް ކަންކަން ތަރުތީބުކޮށް، މާލީ ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. އެގޮތުން މުސާރައާއި، އެހެނިހެން އިނާޔަތްތަކާއި، އިތުރު އެލަވަންސްތައް ދިނުމުގައިވެސް މި ބީދައިން މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފަ އެވެ.
”އެލަވަންސް ތަކަކީވެސް ”ރައިޓް ސްޓާފް“ އަށް ”ރައިޓް“ ކޮށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ކަންކަން ތަރުތީބުކުރުމަކީ ނުހައްގު ކަމަކަށްވުރެ ހައްގުގޮތުގައި ކަންކަން ތަރުތީބުކުރުން. މީ މިފްކޯގެ ވިސްނުން އަދި އަމާޒު.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން މާލީ ގޮތުން މި ވަގުތު ދަތިވެފައިވާ މިދަނޑިވަޅުގައިވެސް މުވައްޒަފުންނަށް އޭގެ ނޭދެވޭ އަސަރުނުކުރާނޭފަދަ ގޮތަކަށް ކަންކަން ރާވާ ދަނީ ތަންފީޒުކުރަމުންނެވެ. އަދި ކުންފުނީގެ އޮަޕަރޭޝަންތައް ނުހުއްޓި އެކަށީގެންވާގޮތެއްގައި ކުރިޔަށް ގެންދިއުމަށް ކުންފުނި ރީ-ސްޓްރަކްޗަރ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި، މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ދެއްކުމުގައި ހުރި ދަތިތަކުން އަރައިގަތުމަށްވެސް ކަމާއި ގުޅުން ހުރި އިދާރަތަކާއި ސަރުކާރާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.




