މާލެ ސިޓީ، އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައަކާއި ގުޅިގެން ފުލުހުން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ކޭއެފްސީގެ ބިއްލޫރިގަނޑެއް މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ތަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ދިޔައީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މިއަދު ވަނީ އެ މައްސަލައާ ގުޅުން ހުރި މީހަކު އަތުލައިގަނެފަ އެވެ. ފުލުހުން ބުނީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ހޯމަ ދުވަހުގެރޭ ކޭއެފްސީ ބިއްލޫރިގަނދެއް ތަޅާލާފައިވާއިރު ރޭ ވެސް އެ ތާނގެ ބިއްލޫރިގަނޑެއް ތަޅާލައިގެން، 04:32 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންނަމަވެސް އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލްއާންމުތަކާއި ގުޅިގެން، އިޒްރޭލުގެ އުފެއްދުންތަކާއި، އިސްރޭލަށް ވާގިވެރިވެދޭ ގައުމުތަކަށް ނިސްބަތްވާ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ދުނިޔޭގެ ގައުމުތަކުން ގޮލަމުންދާއިރު، ރާއްޖޭގައިވެސް ބައެއް ފަރާތްތަކުން ދަނީ މިކަމަށް ތާއީދުކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި ހިންގާ ”ކޭއެފްސީ“ ބޮއިކޮޓްކޮށް އެ ފްރެންޗައިސްގެ ދަށުން ހިންގާ ތަންތަން ބަންދު ކުރަން ބަޔަކު މީހުން މުޒާހަރާވެސް ކޮށްފައި ވެއެވެ. އަދި، ސޯޝަލް މީޑިއާގެ އެކި މަންސަތަކުަގައި އެތަން ބަންދުކުރުމަށް ގޮވާލާ މެސެޖުތައްވެސް ދަނީ ހިއްސާ ކުރަމުންނެވެ. އެހެންނަމަވެސް ކޭއެފްސީގެ ބިއްލޫރިގަނޑު ދެ ފަހަރެއްގެ މަތިން ތަޅާލާފައި މިވަނީ އެކަމުގައި ޝާމިލުވާ މީހުންކަމެއް އަދި ސާފެއް ނުވެއެވެ.



