މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމަށް ކައުންސިލަރުން އަލުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ފާތިމަތު ޝައުފާ ސަލީމް ކާމިޔާބުކުރައްވައިފި އެވެ.
ޝައުފާ ވާދަކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރުގެ ގޮނޑިއަށެވެ. އޭނާ، ކާމިޔާބުކުރެއްވީ މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ކެންޑިޑޭޓްއާ ވާދަކޮށް، ބޮޑު ތަފާތަކުންނެވެ. ޝައުފާއަށް 269 ލިބިވަޑައިގެންނެވިއިރު، އެމްޑީޕީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126 ވޯޓެވެ.
މިއަދު ބޭއްވި މާލެސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބުކުރައްވާފައިވާއިރު، ހުޅުމާލޭ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް އަލީ އައިމަން އެވެ. އަދި، ފާތިމަތު އިޝާން އަލީ ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފަ އެވެ. މި ތިން ބޭފުޅުންވެސް ގޮނޑިތައް ކާމިޔާބު ކުރައްވާފައިވަނީ، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނާއި ވާދަކުރައްވައި ބޮޑު ފަރަގަކުންނެވެ.



