މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމަށް ކައުންސިލަރުން އަލުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގައި, ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކާމިޔާބުކުރައްވައިފި އެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި އަށް ޕީއެންސީގެ ފަރާތުން ކުރިމަތި ލެއްވީ، އަލީ އައިމަން އެވެ. ބޮޑު ތަފާތަކުން އައިމަން އިންތިޚާބު ކާމިޔާބު ކުރެއްވީ، އޭނާއާ ވާދަކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ކެންޑިޑޭޓު އަހުމަދު ރަޝީދު ބަލިކޮށްގެންނެވެ. އައިމަން އަށް 491 ވޯޓް ލިބިނުއިރު، އެމްޑީޕީ ކެންޑިޑޭޓަށް ލިބުނީ 122 ވޯޓެވެ.
ހުޅުމާލެ ދާއިރާގެ ގޮނޑިއަށް ކައުންސިލަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަނެއް ބޭއްވީ އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި އިބްރާހިމް ޝުޖާއު، ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.
މިއަދު ބޭއްވި މާލެސިޓީ ކައުންސިލްގެ ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނާއި ވާދަކޮށް 3 ގޮނޑިވެސް ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުން މިވަނީ ކާމިޔާބުކޮށްފަ އެވެ. ހުޅުމާލޭ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެނޑިޑޭޓް އަލީ އައިމަން ކާމިޔާބު ކުރެއްވިއިރު، ފާތިމަތު ޝައުފާ ސަލީމް ހެންވޭރު ހުޅަނގު ދާއިރާ ކާމިޔާބުކޮށްފަ އެވެ. އަދި، ފާތިމަތު އިޝާން އަލީ ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކޮށް ފައެވެ.




