މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ގައި، މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީ ކެންޑިޑޭޓްވެސް އިންތިޚާބު ކާމިޔާބުކުރައްވައިފި އެވެ.
އެ ގޮނޑިއަށް ވާދަކުރެއްވި ޕީއެންސީ ކެންޑިޑޭޓް ފާތިމަތު އިޝާން އަލީ ވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ ކެންޑިޑޭޓް ބަލިކޮށް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރައްވާފަ އެވެ.
މާލެ ސިޓީ ކައުންސިލް ބައި އިލެކްޝަންގައި ވާދަކުރެއްވީ ޕީއެންސީގެ އަނެއް ދެ ކެންޑިޑޭޓުންވެސް ވަނީ އެ ބޭފުޅުންނާއި ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓުން ބޮޑު ތަފާތަކުން ބަލިކުރައްވައި އިންތިޚާބު ކާމިޔާބު ކުރައްވާފަ އެވެ. ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބުކުރައްވާފައިވާއިރު، ހުޅުމާލޭ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް އަލީ އައިމަން އެވެ.
ޕީއެންސީއަށް ލިބުނު މި ކާމިޔާބީއާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އެބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއަށް ނިސްބަތްވާ ބޭފުޅުން ދަނީ އުފާ ފާޅުކޮށް ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި މަރުހަބާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.



